ޚަބަރު

ދެވަނަ ދައުރަކަށް ނުކުންނެވީ، މިހާރު ފެށިފައި ހުރި މަޝްރޫޢުތައް ނިންމައި ރައްޔިތުންނަށް އުފާވެރިކަން ހޯއްދަވައި ދެއްވުމަށް: ރައީސް

ދެވަނަ ދައުރަކަށް ނުކުންނެވީ، މިހާރު ފެށިފައި ހުރި މަޝްރޫޢުތައް ނިންމައި ރައްޔިތުންނަށް އުފާވެރިކަން ހޯއްދަވައި ދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ނ. އަތޮޅަށް މިއަދު ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ނ. މާޅެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނ. މާޅެންދޫއަށް ރައީސުލްޖުމްހޫރިއްޔާ އާއި ކޯލިޝަން ޕާޓީތަކުގެ އިސްބޭފުޅުން މިއަދު ވަޑައިގެންނެވުމުން އެރަށްރަށުގެ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށާއި ޓީމަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނ. އަތޮޅަށް ނިސްބަތްވާ އަދި ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު ހުންނެވިކަމީ ލިބިވަޑައިގަންނަވާ އުއްމީދެއް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި ނ އަތޮޅަށް ސިޔާމްކޮށްދެއްވާފައިވާ ޚިދުމަތްތައް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ސިޔާސީ ގޮތުން މިއަދު އެމަނިކުފާނު ބޭނުންފުޅުވާ އިތުރުކަމެއް ނެތްކަމަށެވެ. އަދި ދެވަނަ ދައުރަކަށް ނުކުންނެވީ، މިހާރު ފެށިފައި ހުރި މަޝްރޫޢުތައް ނިންމައި ރައްޔިތުންނަށް އުފާވެރިކަން ހޯއްދަވައި ދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިގޮތުން، ނ މާޅެންދޫގައި ސަރުކާރުން ހިންގާފައިވާ، ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވުމުގެ އިތުރުން، މާޅެންދޫގައި ކުރިޔަށް އޮތް ދައުރުގައި ކުރައްވާނޭ މަސައްކަތްތައްވެސް ހާމަކުރެއްވިއެވެ. މިގޮތުން، މިއަންނަ ދައުރުގައި މާޅެންދޫ ޞިއްޙީ ޚިދުމަތް އިތުރަށް ތަރައްޤިކޮށްދެއްވައި، މާޅެންދޫ ޞިއްޙީމަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް ލެބޯޓްރީއެއް ޤާއިމްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުންވެސް މާޅެންދޫއަށް ކޮށްދެއްވާނެ ކަންކަމުގެ ތެރޭގައި ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމާއި، މަގުހެދުމާއި ފެންހިންދާ ނިޒާމް ޤާއިމްކުރެއްވުން ހިމެނެއެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، އެމަނިކުފާނުގެ މެނިފެސްޓޯގެ އައު ސިޔާސަތެއް މިރޭ ހާމަކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މިއިންތިޚާބުގައި ނ އަތޮޅަކީ، ސަރުކާރަށް އެންމެ ބޮޑު އަޤުލަބިއްޔަތެއް ލިބޭނެ އަތޮޅަށް ވާނޭކަމަށް ޔަޤީން ކުރައްވާކަމުގައި ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މާޅެންދޫއަށްފަހު އެއަތޮޅު ކުޑަފަރީއަށް ވަޑައިގެންފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close