ޚަބަރު

ތަޢުލީމު ހާޞިލުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މުޖްތަމަޢުގެ ތެރޭގައި ހަމަޖެހުން ޤާއިމުކޮށްދިނުން: ނައިބު ރައީސް

ތަޢުލީމު ހާޞިލުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މުޖްތަމަޢުގެ ތެރޭގައި ހަމަޖެހުން ޤާއިމުކޮށްދިނުމަށް އެ ލިބިފައިހުރި ޢިލްމެއްގެ ބޭނުންހިފައިގެން މުޖްތަމައުގެ އެހެންމީހުންނަށް ރަނގަޅު މަގުތައް ދައްކުވައިދިނުންކަމަށް، ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީހުން ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއްދާއިރާކަން ފާހަގަކުރައްވައި މިހާރު މަތީ ތަޢުލީމު ހާޞިލުކުރުމަށް މުޅި ރާއްޖޭގައި މީގެ ކުރިން ނެތް މިންވަރަށް ފުރުޞަތުތައް ހުޅުވާލެވިފައި އޮތްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ފައިސަލްގެ ވާހަކަފުޅުގައި ކޮންމެ ކަމެއްގައި ވެސް ޕޮޒިޓިވް ވިސްނުން ގެންގުޅުމަށާއި ލޯތްބާއި އިޙްތިރާމާއެކު މީހުންނާއި މުއާމަލާތްކުރުމަށް އިސްކަންދިނުމުގެ މައްޗަށް ވެސް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.

މި ޙަފްލާގައި، ކުއްލިއްޔާ އޮފް އެޑިއުކޭޝަން އިން ބެޗްލަރ އޮފް ޓީޗިންގް ޤުރްއާނާއި މާސްޓަރ އޮފް ޓީޗިންގ އެންޑް ލާރނިންގ އިން ދަސްވެނިވެ ދަރަޖަ ޙާޞިލުކުރި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލްއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުއްލިއްޔާ އޮފް ޝަރިޢާ އެންޑް ލޯ އިން ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީ އިން ދަސްވެނިވެ ދަރަޖަ ޙާޞިލުކުރި ދަރިވަރަށް ސަނަދު ހަވާލުކޮށްދެއްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކޯސްތަކުން އެންމެމަތީ ވަނަތައް ޙާޞިލުކުރި ދަސްވެނީންނަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close