ޚަބަރު

ގޫގުލް ޓްރާންސްލޭޓް ދިވެހި ތަރުޖަމާ އަދި ފުރިހަމައެއްނުވޭ : ޔުމްނާ

ގޫގުލް ޓްރާންސްލޭޓްގައި ދިވެހި ބަސް ހިމެނި ނަމަވެސް އަދި އެކަން އެންމެފުރިހަމަ ނުވާކަމަށާއި، އެކަމުގައި އެންމެހައި ދިވެހިންގެ އެއްބާރުލުން ބޭނުންވާނެކަމަށް ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވީ ‏ގޫގުލް ޓްރާންސްލޭޓްގައި ދިވެހިބަސް ހިމެނި ނަމަވެސް ގޫގުލް އަދިވެސް އެ ދަނީ ދިވެހިބަސް ދަސްކުރަމުންކަމަށެވެ. އަދި ލަފުޒެއް ނުވަތަ ޖުމްލައެއްގެ މާނަ ނުބައިކޮށް ތަރުޖަމާ ވާނަމަ އެ ތަރުޖަމާ ނުބައިކަމަށް ރޭޓް ކުރައްވައި ރަނގަޅު ތަރުޖަމާ ގޫގުލްއާ ޙިއްސާކޮށްދެއްވުމަށް ޔުމްނާ އެދިވަޑައިގެންނެވިއެވެ.

ޔުމްނާ ވަނީ ގޫގުލަށް ރަނގަޅު ތަރުޖަމާ ހުށަހަޅާނެ ގޮތްވެސް ކިޔައިދީފިއެވެ.

ގޫގުލް ޑިވެލޮޕަރސް ކޮންފަރެންސްގައި ގޫގުލުން ބުނީ، ދިވެއްސާއެކު އިތުރު 24 ބަހެއް މިހާރު މުޅިން އަލަށް ޓްރާންސްލޭޓް ކުރެވޭނެ ކަމަށެވެ. އަލަށް އިތުރުކުރި ބަސްބަހުން 300 މިލިއަނެއްހާ މީހުން ވާހަކަ ދައްކާ ކަމަށް ގޫގުލުން ވަނީ ބުނެފައެވެ.

އަލަށް އިތުރުކުރި ބަސްތަކާއެކު 133 ބަހަކުން މިހާރު ގޫގުލުން ޓްރާންސްލޭޓް ކުރެވޭނެއެވެ. އަލަށް އިތުރުކުރި ބަސްތަކުގެ ތެރޭގައި ދިވެހި ބަހުގެ އިތުރުން އަސަމީސް، ބޯޖްޕޫރީ، ސާންސްކްރިތު، ކުރުދިޝް ހިމެނެއެވެ.

މައިކްރޯސޮފްޓުންވެސް ދާދި ފަހުން ވަނީ ދިވެހި ބަހަށް ޓްރާންސްލޭޓް ކުރެވޭ ގޮތް ހަދާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close