ޚަބަރު

“އެކްސަސައިޒް ދޯސްތީ”: އިންޑިއާ އާއި ލަންކާގެ ކޯސްޓްގާޑު އުޅަނދުތައް ރާއްޖެ އަތުވެއްޖެ

ދިވެހިރާއްޖެއާއި، އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ “އެކްސަސައިޒް ދޯސްތީ” ގައި ބައިވެރިވުމަށް އިންޑިއާ އާއި ލަންކާގެ ކޯސްޓްގާޑު އުޅަނދުތައް ރާއްޖެ އަތުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި މި މަހުގެ 17 އިން 19 އަށް ކުރިއަށްދާ މި ތަމްރީނުތަކުގައި ބައިވެރިވުމަށް އިންޑިއާގެ ތިން އުޅަނދަކާއި ލަންކާގެ އުޅަނދެއްގެ އިތުރުން ދެ ގައުމުގެ ކޯސްޓްގާޑުގެ އިސް ބޭފުޅުން ވެސް މިހާރު ވަނީ ރާއްޖެ ވަޑައިގަންނަވާފައެވެ.

މި އެކްސަސައިޒްގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި މީހުން ސަލާމަތްކުރުމުގެ (ސާޗް އެންޑް ރެސްކިއު) ޑްރިލްތަކާއި، ކަނޑު ތަޣައްޔަރުވުމުން އަޅާނެ ފިޔަވަޅުތަކާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ތަމްރީނުތައްކަމަށް އެ އިދާރާޢިން ވިދާޅުވިއެވެ. އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި، މި ތަމްރީނުތައް ކުރިއަށްދާ ސަރަހައްދުތަކުން ދަތުރުކުރާ އުޅަނދުފަހަރުތަކުން މި ދުވަސްވަރު ސަމާލުވުމަކީ ބޭނުންތެރި ކަމެކެވެ.

މީގެ 35 އަހަރު ކުރިން ރާއްޖެއާއި އިންޑިއާއިން ފެށި މި ހަރަކާތުގައި ސްރީލަންކާ ބައިވެރިވާން ފެށީ 2012 ވަނަ އަހަރުއެވެ. މި އެކްސަސައިޒްގެ ސަބަބުން އަވަށްޓެރި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އެމްއެންޑީއެފް އިން ފާހަގަކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close