ވަރަށް ކުރު އެހެނަސް ދިރިއުޅުމުގެ ޙަޔާތަށް ވަރަށް މުހިއްމު، އެހާމެ ބާރުގަދަ ދުޢާއެއް.
އެއްދުވަހަކު ޢައްބާސް ރަޟިޔަﷲ ޢަންހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. ” އޭ ﷲ ގެ ރަސޫލާ އެވެ. ތިމަންކަލޭގެފާނަށް ދުޢާ އެއް އުނގަންނަވައިދެއްވާށެވެ.”
އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. މިފަދައިން ވިދާޅުވެ ދުޢާ ކުރައްވާށެވެ.
اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَة
މާނައީ: ” ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ޢާފިޔަތަށް އެދި ދަންނަވަމެވެ.”
ޢާފިޔަތަށް އެދި ދެންނެވުމުން:-
- ހުރިހާ މުޞީބާތްތަކުން އެމީހަކު ސަލާމަތްވެގެންވުމާއި
- ރަނގަޅު ޞިއްޙަތެއްގައި ލެއްވިގެންވުމާއި
- އަތްމަތި ތަނަވަސްވެގެންވުމާއި
- ހެޔޮޙާލުގައި ދިރިހުރުމުގެ ނަޞީބުލިބިގެންވުމާއި
- ދަރިން ރައްކާތެރި ކުރެވިގެންވުމުގެ އިތުރުން
- ﷲ ތަޢާލާގެ ފުއްސެވުން ލިބިގެންވުމާއި އެކަލާނގެ ޢަޛާބުން ރައްކާތެރިވެގެންދެއެވެ.
ޖުމުލަކޮށް ބުނާނަމަ “ޢާފިޔަތަށް އެދި ދެންނެވުމުގެ” މާނައަކީ ދުނިޔެއާއި އާޚިރަތުގެ މުޞީބާތްތަކާއި ހިތާމަތަކުންނާއި ހިތްނޭދޭ އެންމެހާ ކަންތައްތަކުންނާއި އެންމެހާ ނުރައްކާތަކުން ސަލާމަތް ކުރެއްވުން އެދި ދެންނެވުމެވެ.

