މިއީ ދިވެހިރާއްޖޭގައި ފައިސާ ގަނެވިއްކާ ރޭޓު ހިފެހެއްޓުމެއްނެތި ދޫކޮށްލަންވީ ވަގުތު : ރައީސް ނަޝީދު
މިއީ ދިވެހިރާއްޖޭގައި ފައިސާ ގަނެވިއްކާ ރޭޓު ހިފެހެއްޓުމެއްނެތި ދޫކޮށްލަންވީ ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ކަޅުބާޒާރުގައި ޑޮލަރުގެ އަގު، އެނގުންވާ ވަރުގެ އަދަދަކުން ވެއްޓި، ޑޮލަރު ވަރަށް ބޮޑަށް ތިޔާގިވެއްޖެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނުމާއި ގުޅިގެންނެވެ.
އެގޮތުން ރޯދައިގެ ކުރިން 17.50- 17.70ރ، ގައި ހުރި ޑޮލަރުގެ އަގު މިއަދު ހުރީ 16.90ރ. އަށް ވެއްޓިފަ އެވެ. މިއީ، ފަހުގެ ތާރީހެއްގައި ކުއްލިއަކަށް އެހާ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
މިކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެންނަ ގޮތުގައި މިއީ ރާއްޖޭގެ ފައިސާ ގަނެ ވިއްކާ އަގު ހިފެހެއްޓުމެއް ނެތި ދޫކޮށްލަންވީ ވަގުުތު ކަމަށާއި، އަދި ޑޮލަރުގެ ކަޅުބާޒާރު މުޅިން ނައްތާލެވިދާނެ ކަމަށެވެ.
ރާއްޖޭގައި ފައިސާ ގަނެވިއްކުމަށް ފިކްސްޑް އެކްޗްސްޗޭންޖް ރޭޓްގެ ނިޒާމެއް އޮވެއެވެ. އޭގެ ސަބަބުން ފައިސާގެ އަގު ރަސްމީކޮށް ހުންނަނީ ހިފެހެއްޓިފައެވެ. އެހެން ނަމަވެސް ޑޮލަރު ލިބުން ދަތިވާ ދުވަސްވަރުގައި ކަޅުބާޒާރުގައި ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުކަން ފާހަގަ ކުރެވެއެވެ.



