އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް މިރޭ ކުރެންދޫގައި
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ ޅ. ކުރެންދޫގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމްޑީޕީން ބުނީ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ ކުރެންދޫ ކަައުންސިލްގެ ރައީސްގެ މަގާމުގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެނޑިޑޭޓް އަލީ ނަސީމްގެ ކެމްޕެއިން ޖަލްސާގައި ކަމަށެވެ.
އެގޮތުން މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 20:30 ގައި ކުރެންދޫ ދެކުނު އަވަށު މައިޒާނުގައި ކަމަށް އެމްޑީޕީން ހާމަކުރެއެވެ.
ކުރެންދޫ ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވެފައި ވަނީ އެ ކައުންސިލްގެ ރައީސް އިބްރާހީމް ސިމާއު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އެމްޑީޕީގެ ފަރާތުން ކުރެންދޫ ކައުންސިލަށް ވާދަކުރައްވަނީ އަލީ ނަަސީމް އެވެ.
އިދިކޮޅު ޕީޕީއެމުން މި މަގާމަށް ކުރިމަތިލެއްވީ މީގެ ކުރިން ވެސް ކުރެންދޫ ކައުންސިލްގެ ރައީސް ކަން ކުރެއްވި އިސްމާއީލް މަދީހެވެ.
މި މަގާމުގެ ބައި އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.
