ކެތްތެރިކަމާއި އޭގެ ވައްތަރުތައް
(ﷲ ގެ އަޅާ) މުޅި ދީނާއި މެދު ފިކުރު ހިންގައިފިނަމަ، ޖުމުލަގޮތެއްގައި އެ ރުޖޫޢަވަނީ ކެތްތެރިކަމާއި ޝުކުރުވެރިކަމަށް ކަމުގައި ފެންނާނެއެވެ. އެހެނީ ކެތްތެރިކަން ވަނީ ތިން ބަޔަކަށެވެ. އެއީ:-
- ހެޔޮކަމުގައި ކެތްތެރިވުން، އެއީ އެކަން ކޮށްފުމަށް (ފަރުޟު، ވާޖިބު، ސުންނަތް، ނަފްލު)
- ނަހީތަކުގައި ކެތްތެރިވުން، އެއީ އެކަން ނުކޮށްފުމަށް
- އޭނާގެ އިޚްތިޔާރެއް އެކަމުގައި ނުވާ މުޞީބާތްތަކުގެ މައްޗަށް ކެތްތެރިވުން
މަތީގައި ދެންނެވުނު ބައިތަކުގެ ތެރެއިން 3 ބައި ދެބަޔަކަށް ބެހިގެންވެއެވެ.
ފުރަތަމައީ: ޚަލްޤުންގެ އަތެއް އޭގައި ނުހިމެނޭ ވައްތަރު: އެއީ ބަލިވުން ކަހަލަ ސަމާވީ މުޞީބާތްތަކެވެ. މި ވައްތަރުގައި ކެތްތެރިވުން ފަސޭހަވެގެންވެއެވެ. އެއީ (ﷲ ގެ) އަޅާ އޭގައި އެއިލާހުގެ ޤަޟާ (މިންވަރުފުޅަށް) އަދި ޤަދަރަށް ހެކިވެއެވެ. އަދި އިންސާނެއްގެ އަތެއް އޭގައި ނުވާނޭކަމެވެ. އެހެންކަމުން އެހެންޏާ މަޖުބޫރުން ނޫނީ އިޚްތިޔާރުން އޭނާ އޭގައި ކެތްތެރިވެއެވެ. މިކަމުގައި އެއަޅެއް ވަރުގަދަވަނީ ނުވަތަ ބަލިކަށިވަނީ، ﷲ އާއިމެދު އޮންނަ ލޯބީގެ ވަރުގަދަކަމާއި ބަލިކަށިކަމުގެ މައްޗަށެވެ.
ދެވަނައީ: (ﷲ ގެ) އަޅާ އަށް މީސްތަކުންގެ އަތްތަކުން ޖެއްސެވޭ މުޞީބާތް. އެއީ އޭނަގެ މުދަށް ނޫނީ ޤަދަރަށް ނޫނީ ނަފްސަށެވެ. އަދި މިވައްތަރަށް ކެތްކުރުން ވަރަށް ދަތިވެގެންވެއެވެ. އެހެނީ އެއިން ނަފުސަށް ވޭން އަޅައެވެ. އަދި އޭގެ މައްޗަށް އަނެކުން ވެރިވުމަށް ނަފުރަތު ކުރެއެވެ. ވީމާ އޭގައި (ކެތްތެރިވުމަށްވުރެ) ބަދަލުހިފުމަށް ބަލައިހޯދައެވެ. އަދި މިވައްތަރުގެ މައްޗަށް ނަބިއްޔުންނާއި ޞިއްދީޤުން މެނުވީ ކެތްތެރި ނުވެވެއެވެ.
މިކެތްތެރިކަމުގެ މޭވާއަކީ، ނަޞްރާއި، ޢިއްޒަތާއި، އުފާފާގަތިކަމާއި، އަމާންކަމާއި، ﷲ ގެ މަގުގައި ވަރުގަދަވުމާއި އެއިލާހުގެ ލޯތްބާއި މީސްތަކުންގެ ލޯބި އޭނާއަށް އިތުރުވުމެވެ. އަދި ޢިލްމު އިތުރުވުމެވެ.
{ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ قَدَّسَ اللهُ رُوحَهُ }

