ޚަބަރު

މި އަހަރު ތެރޭގައި އިތުރު ދެ އެއާޕޯޓު ހުޅުވިގެން ދާނެކަމަށް ރައީސް ޞާލިހް ވިދާޅުވެއްޖެ


މި އަހަރު ތެރޭގައި އިތުރު ދެ އެއާޕޯޓު ހުޅުވިގެންދާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރުގެ މެދުތެރޭގައި އޭރުގެ ސަރުކާރުން ކުރެއްދޫ ހޯލްޑިންގްސްއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ކުރެއްދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ ކުރެއްދޫ އެއާޕޯޓު ހުޅުވުމާއެކު މާލެއިން އުތުރުގެ ކޮންމެ އަތޮޅެއްގައި މިހާރު މިވަނީ އެއޕޯޓެއް ހުޅުވިފައި ކަމަށެވެ.

ހަމައެހެންމެ ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް 30 މިނިޓުން ދެވޭ ހިސާބުގައި އެއާޕޯޓުތައް ގާއިމުކުރުން ކަމަށާއި, މި އަހަރު ތެރޭގައި އިތުރު ދެ އެއާޕޯޓު ހުޅުވިގެންދާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

“އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި އަދި އިތުރު ދެ އެއާޕޯޓް ހުޅުވިގެންދާނެ. އެއީ ގދ.ފަރެސްމާތޮޑާ އެއަރޕޯޓާއި, މ.މުލީ އެއާޕޯޓް. އޭގެއިތުރުން 06 އެއާޕޯޓެއްގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައި.” ރައީސް ޞާލިޙް ވިދާޅުވިއެވެ.


މި މަހުގެ 16 ވަނަ ދުވަހުގެރޭ ރާއްޖެ ޓީވީން ގެނެސްދިން “ފަލަސުރުޚީ” ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ގދ.ފަރެސްމާތޮޑާ އެއާޕޯޓާއި, މ.މުލީގައި އެއާޕޯޓުގެ މަސައްކަތް މި އަހަރުގެ ފަކޮޅުގައި ނިމޭނެކަމަށް ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވި ގޮތުގައި ފަރެސްމާތޮޑާ އެއާޕޯޓުގައި މިހާރު ކުރިއަށްދަނީ ޓާމިނަލްގެ މަސައްކަތްތަކެވެ. ހަމައެހެންމެ ރަންވޭގެ ސަބްގްރޭޑާއި އޭބީސީ މަސައްކަތްތައް ވަނީ ނިމިފައިވާއިރު, ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި މުލީ އެއާޕޯޓުގެ އީއައިއޭގެ މަސައްކަތް އަދި ނުނިމެއެވެ. އާޒިމް ވިދާޅުވީ އެންމެ ފުރަތަމަ މުލީ އެއާޕޯޓް އެޅުމަށް ހަަމަޖެހިފައިވާ ތަން ރައްޔިތުންގެ އެދުމާއެކު ބަަދަލުވެފައިވާ ކަމަށާއި, އެ ގޮތުން ހިއްކަންޖެހޭ ސަރަހައްދު އިތުރުވެފައިވާ ކަމަށެވެ.

ކުރިން އޮތީ 05 ހެކްޓަރު ހިއްކައިގެން އެ މަސައްކަތް ކުރެވޭ ގޮތަށް ނަމަވެސް, 17 ހެކްޓަރު ހިއްކައިގެން މެނުވީ މިހާރު އެކަން ކުރެވެން ނެތްކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. ހަމައެހެންމެ މުލީ އެއާޕޯޓުގެ މަސައްކަތް ލަސްވި ސަބަބަކީ އެއީ ކަމަށާއި, ކުރިން އޮތްގޮތަށް އޮތްނަމަ އަންނަ އޭޕްރީލަށް ނިމޭނެކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close