މިލަންދޫ ކައުންސިލަރަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފި
ށ. މިލަންދޫ ރަށު ކައުންސިލްގެ މެންބަރު އަހްމަދު ޝިޔާމަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
ރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމާ ގުޅިގެން އެ ހަމަލާއަކީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާ މެންބަރު އަޙްމަދު ރިޒާ އަޑީގައި ހުންނަވައިގެން ދެއްވި ހަމަލާއެއް ކަމަށް ޝިޔާމު ވަނީ ތުހުމަތު ކުރައްވާފައެވެ. އޭނާއަށް ހަމަލާދިނީ މިލަންދޫ “ކްއެންޗު ގާޑަން” ގައި އޭނާގެ ކޮއްކޮއަކާއެކު ކޮފީއެއް ބޯން އިންދާ އޭނާއަށް ހަމަލާ ދިނީ ރޭ 11:00 ހާއިރުއެވެ.
ޝިޔާމް ވިދާޅުވީ ރިޒާ، އޭނާ ދެކެ ހިތްހަމަޖެހިވަޑައި ނުގެން އުޅުއްވަނީ ރިޒާއާ ދެކޮޅަށް ފޭސްބުކްގައި ތަފާތު ޕޯސްޓްތައް ކުރާތީ އާއި ދެން އޮންނަ މަޖިލިސް އިންތިހާބެއްގައި ރިޒާއާ ވާދަ ކުރެއްވުމަށް އޭނާގެ ބޭބެ އަދި ށ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް މަސައްކަތް ކުރައްވާތީ ކަމަށެވެ.
މީގެ އިތުރުން ރިޒާގެ މައްޗަށް ދައުލަތުން ތުހުމަތު ކުރާ ބައެއް މައްސަލަތަކުގައި އޭނާ، ރިޒާއަށް ފާޑު ކިޔާތީ އެކަމާ ކޯފާ އިސް ކުރައްވާ ގުރޫޕެއް ފޮނުވީ ކަމަށް ވެސް ވިދާޅުވިއެވެ. އެކަމަކު ރިޒާ ދައްކަވާ ބިރަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހަމަލާ ދިން މީހުންގެ ތެރޭގައި ތިބީ މިލަންދޫ ދާއިރާގެ މެންބަރު ރިޒާއާ ގާތް ގުޅުމެއް އޮންނަ ފަރާތްތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ރިޒާ މެދުވެރިގެން އެކި ތަންތަނުން ވަޒީފާ ހަމަޖެހިފައި ތިބި މީހުންނާއި، އެކި ގޮތްތަކުން ސަރުކާރު މަސައްކަތްތައް ލިބޭ ބައެއް މީހުންވެސް މީގެ ތެރޭގައި ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރިޒާގެ ކޮއްކޮއަކާ ކާވެނިކޮށްގެން އުޅޭ މީހެއްވެސް އޭގެ ތެރޭ ހިމެނޭކަން ޝިޔާމު ފާހަގަކުރެއްވިއެވެ.
ބ. އަތޮޅު ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތްތަކާ އާރް.އައި.އެކްސް ޕްރައިވެޓް ލިމިޓެޑުން ހަވާލުވެ، އެމަސައްކަތް ކުރުމަށް މީހުން ޓްރެފިކްކުރުން ކަމަށް ތުޙުމަތުކުރެވޭ ގޮތަށް ގަވާއިދާ ޚިލާފަށް ގިނަ ޢަދަދެއްގެ ބިދޭސީން އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކުރި މައްސަލާގައި ރިޒާއާއި، އިތުރު 2 މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ.
އަލީ ރިޒާގެ މައްޗަށް ދައުވާ ކޮށްފައިވަނީ މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާގެ ދަށުން 2015 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން އާރ.އައި.އެކްސް ކުންފުނީގެ ސްޕޮންސަރޝިޕްގެ ދަށުން އެކި މަސައްކަތްތަކަށް ރާއްޖެ ގެނެސްފައިވާ ބިދޭސީން ލައްވައި މަސައްކަތް ކުރުވުމަށްފަހު މުސާރަނުދީ، ބިރުދައްކައި، ޤާނޫނާ ޚިލާފު މަޖުބޫރުކަމެއް ކުރިމަތިކުރުވައި، އެމީހުން އެކްސްޕްލޮއިޓްކޮށް، އެމީހުން ޓްރެފިކްކޮށްފައިވާ މައްސަލައިގައެވެ. ކޯޓު އަމުރެއްގެ ދަށުން އާރ.އައި.އެކްސް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ބަލައި ފާސްކުރުމަށް ފުލުހުން ކުރި މަސައްކަތަށްވެސް ރިޒާ ހުރަސްއެޅި މައްސަލަވެސް މީގެތެރޭގައި ހިމެނެއެވެ.
