ސައުދީގެ ދަހްރާން އަލް ޖަނުބު ނަމަކަށް ކިޔާ އަވަށަށް ޔަމަނުގެ ހޫތީ ޖަމާޢަތުން ފޮނުވާލި ބެލިސްޓިކް މިސައިލެއް ގޮވުމުގެ ކުރިން ހަލާކު ކޮށްލެވިއްޖެކަމަށް ސައޫދީ އިސްވެ އޮވެ އުފައްދާފައިވާ އަރަބި ކޯލިޝަނުނުން ބުނެފިއެވެ.
އަރަބި ކޯލިޝަނުން ބުނީ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ސައުދީ އަރަބިއްޔާގެ ދަހްރާން އަލް ޖަނުބް އާ ދިމާއަށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ހަލާކުކޮށްލާފައިވާ އިރު ހަލާކުވެފައިވާ މިސައިލްގެ ބައިތައް ވެއްޓިފައިވަނީ އެ ސިޓީގެ އިންޑަސްޓްރިއަލް ޒޯނަށްކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް އަދި މީހަކު މަރުވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ކޯލިޝަނުން ބުނީ ޔަމަނުގެ އަލް ޖައުފް ސަރަހައްދުން ބެލިސްޓިކް މިސައިލްފޮނުވާލި ލޯންޗް ޕެޑް ހަލާކުކޮށްލާފައިވާ ކަމަށެވެ.
މިއީ، އީރާނުން ވާގިވެރިވާ ހޫތީން އަބޫދާބީއަށް ދިން ނުރައްކާތެރި ހަމަލާއެއް ކަމަށް ބުނާތާ ހަފްތާއަކަށްވުރެ ވެސް މަދު ދުވަސްކޮޅެއް ފަހުން ދިން ހަމަލާއެކެވެ.
ޔޫއޭއީއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ވިދާޅުވީ، ޔަމަނުގެ ހޫތީން ކްރޫޒް އަދި ބެލިސްޓިކް މިސައިލްގެ އިތުރުން ޑްރޯންވެސް ބޭނުންކޮށްފައިވާ ކަމަށާއި، ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު އަބޫދާބީއަށް ދިން ހަމަލާގައި ތިން މީހަކު މަރުވެފައިވާ ކަމަށެވެ.
ނަތީޖާއެއްގެ ގޮތުން ޔޫއޭއީއިން ވަގުތުން ބައިޑަންގެ ސަރުކާރަށް ޕްރެޝަރުކޮށް ހޫތީންއަލުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ކުރިއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ހޫތީ ންގެ ނަން އުވާލައި، ހޫތީންގެ އޮފިޝަލުން ބްލެކްލިސްޓުން އުނިކުރުމަށް ޚާރިޖީ ސިޔާސަތުގައި އެންމެ ފުރަތަމަ އިސްކަންދެއްވި އެއް ބޭފުޅަކަށް ވެވަޑައިގެންފައެވެ.
ނަމަވެސް އެމެރިކާގެ ކުރީގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި މި ފިޔަވަޅުގެ ސަބަބުން ހޫތީންނަށް ހިތްވަރު ލިބިގެން ދިޔައީ ގަލްފުގެ އެކި ސަރަހައްދުތަކުގައި، ހާއްސަކޮށް ޔޫއޭއީ އާއި ސައޫދީ އަރަބިއްޔާގެ މަދަނީ އަމާޒުތަކަށް ދޭ ހަމަލާތައް އިތުރުކުރުމުންނެވެ.
ބައިނަލްއަގްވާމީ ގާނޫނީ ސައްހަކަމާއި ސަރުކާރުގެ ކޮންޓްރޯލް ހޯދުމަށް ޑިމާންޑް ކުރަމުންދާ ހޫތީންނާ ދެކޮޅަށް އަރަބި ކޯލިޝަނުން ދަނީ ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
މިދިޔަ ހަފުތާގައި ގިނަ ރިޕޯޓްތަކާއި ބައިނަލްއަގުވާމީ އޭޖެންސީތަކުން ބުނެފައި ވަނީ ވައިގެ ހަމަލާތަކުގެ ސަބަބުން ޔަމަނުގެ ސަދަހްގައި ހުންނަ ޑިޓެންޝަން ސެންޓަރެއްގައި އާންމުންގެ ބަޔަކު މަރުވެފައިވާ ކަމަށެވެ. ނަމަވެސް އަރަބި ކޯލިޝަނުން ބުނީ އެ ރިޕޯޓްތަކަކީ އެއްވެސް އަސާސެއް ނެތް ރިޕޯޓްތަކެއް ކަމަށެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެންއާއި ސަޢޫދީ ޢަރަބިއްޔާގެ އެފްއެމް ޕްރިންސް ފައިސަލް ބިން ފަރްހާން މިދިޔަ ހަފްތާގައި ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ބްލިންކެން ވިދާޅުވީ ގަލްފުގެ ބައިވެރިންނަށް “ޔަމަނާއި ސަރަހައްދުގެ އެހެން ތަންތަނުން ކުރިމަތިވާ ނުރައްކާތަކުން ދިފާޢުވުމުގެ ޤާބިލުކަން އިތުރުކުރުމަށް ވޮޝިންޓަން އޮތީ ތައްޔާރަށް ކަމަށާއި މަދަނީ ންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ” ކަމަށެވެ.