ނަޝީދާ ދެކޮޅަށް މައްސަލަ ޖެއްސި މައްސަލަ ބެލެން ޖެހޭނެ: އިންތި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މައްސަލައެއް ހުށަހެޅުމަކީ ބޮޑު ކުށެއް ކަމަށާއި އެމައްސަލަ ބެލެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ސިފަކުރައްވައިފި އެވެ.
އިންތި މިފަދައިން ވިދާޅުވީ، ރައީސް ނަޝިދު ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނެ ދީނީ އިލްމުވެރިން ހިމެނޭ ޖަމިއްޔާ ކަމަށްވާ “ރައްޔިތުންގެ އިއްތިހާދު”ން ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ. ނަމަވެސް ފުލުހުން ވަނީ ނަޝީދު، ދީނާ ހިލާފު ކަމެއް ނުކުރައްވާ ކަމަށާއި، އެ ކަމުގައި ބަލަންޖެހޭ މައްސަލައެއް ނެތް ކަމަށް ބުނެފަ އެވެ.
މިކަމާ ގުޅޭ ގޮތުން ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ޓުވީޓާގައި ހިއްސާކުރައްވަމުން އިންތި ވިދާޅުވީ، ރައީސް ނަޝީދު ޓާގެޓަކަށް ލައިގެން، ކުރިން ދިން ފަދަ ހަމަލާއެއް އަނެއްކާ ވެސް އަމާޒުކުރުވުން ބޭނުމަކަށް ހަދާ ކަމަށެވެ. އަދި ރަނގަޅު ނިޔަތަށް ވުރެ ބޮޑަށް ނުބައި ނިޔަތުގައި ކުރާކަމެއްކަން އެނގޭ ގޮތަށް އަސާސެއް ނެތް މައްސަލަ ހުށަހެޅުމަކީ ވެސް ކުށެއް ކަމަށާއި، އެކަން ބެލެންވާނެ ކަމަށް އިންތި ވިދާޅުވި އެވެ.
ރައްޔިތުންގެ އިއްތިހާދުން ރައީސް ނަޝީދާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާއިރު، އެ އިއްތިހާދުން ފުލުހުންނަށް ފޮނުވި ސިޓީގައި، 2020 ވަނަ އަހަރު، ރައީސް ނަޝީދު ނަސާރާއިން، ދީނީ ގޮތުން ފާހަގަކުރާ ދުވަހެއް ކަމަށްވާ ކްރިސްމަސްގެ ތަހުނިޔާ ފާޅުކަން ބޮޑު ގޮތެއްގައި ހުރިހާ ދިވެހިންނަށް ކިޔުއްވި ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން މިދިޔަ އަހަރުގައި ވެސް ރައީސް ނަޝީދު ކްރިސްމަސްގެ ތަހުނިޔާ ކިޔައި ފޮޓޯ އާންމުކޮށްފައިވާ ކަމަށް އެ އިއްތިހާދުން ވަނީ ބުނެފަ އެވެ.
މި މައްސަލަ މީގެ ކުރިން ވެސް ފުލުހުންނަށް ހުށަހަޅާފައިވާއިރު، މައްސަލަ ތަހުގީގުނުކޮށް، ކުރިއަށް ނުގެންދާ ކަމަށް އެ އިއްތިހާދުން ބުނެފައިވެ އެވެ.



Mi meehunnah heevaakahala Nasheedakee kudathaa malaaikathekey.
ޑެންމާކްގައި ފާޅުގައި ﷲއަށް ގޮންޖަހައި ރަސޫލާ(ޞޢވ) އަށް ފުރައްސާރަ ކުރި މަސްއަލަ ވެސް ބެލެން ޖެހޭނެ އަދި ލައިވް ޓީވީ ގައި ބޯން ޖެހޭނެ ކަމަށް ބުނި މަސްއަލަ ވެސް ބެލެން ޖެހޭނެ.