ޚަބަރު

މިހާރު އޮތް ބަޖެޓުން އިންތިހާބު ބާއްވަން ދަތި ވާނެ – އީސީ

އަންނަ އަހަރުގެ މާޗު މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އެންމެހާ އިންތިޒާމުތަކަށް މިހާރުއޮތް ބަޖެޓުން ދަތިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި ކައުންސިލް އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވަނީ 49 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެންމެ ފުރަތަމަ މި އަހަރު ބޭއްވުމަށް ތާވަލުކުރި އެ އިންތިހާބަށް މި އަހަރުގެ ބަޖެޓްގައި ވެސް 77 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެއެވެ. އިންތިހާބު ފަސްކޮށްފައިވާތީ އޭގެ ތެރެއިން ހަރަދު ވެފައިވަނީ 20 މިލިއަނެއްހާ ރުފިޔާއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަޖެޓް ދިރާސާ ކުރަން އެކުލަވާލި ކޮމިޓީ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އަހްމަދު އަކުރަމް ވިދާޅުވީ އަލުން އިންތިހާބު ތާވަލު ކުރުމުން އަލުން އޮފިޝަލުންނާއި ޓްރެއިނަރުން ހޯދަން ކުރިން ދިޔަ ހަރަދު ދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، އިންތިހާބު ބާއްވަން 71 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިހާބަށް ބޭނުންވާ ވޯޓް ފޮށްޓާއި، ވޯޓް ބޫތުތަކާއި ބައެއް ސްޓޭޝަނަރީ ފަދަ ތަކެތި ގަނެވިފައިވާތީ ކުރިން ދިޔަ ވަރަށް ހަރަދު ނުދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އެކަމަކު މިހާރު އޮތް ބަޖެޓުން އިންތިހާބު ބާއްވަން ދަތި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އޮތުމުގެ ސަބަބުން އިތުރު ހަރަދުތަކެއް ހިނގާނެ ކަމަށް ލަފާކޮށް ކައުންސިލް އިންތިހާބުގެ ބަޖެޓްގައި ހިމެނުމަށް ފިނޭންސް މިނިސްޓްރީއަށް ކޮމިޝަނުން ހުށަހެޅިއެވެ. ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާ އެ ކަންކަމަށް ހުށަހެޅި ކަމަށާއި އެކަމަކު މަޖިލީހަށް ފޮނުވި ބަޖެޓްގައި އެ ބައި ނެތް ކަމަށް އަކްރަމް ވިދާޅުވިއެވެ.

“ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތަށް ވިސްނާފައި ސެނެޓައިޒާ، މާސްކް ފަދަ ތަކެތި ބޭނުން ވާނެ. މި ކަމަށް 2.5 މިިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ބެލީ، ގައިދުރުކޮށް ބާއްވަން ވެސް މި ޖެހެނީ، މި ތަކެތި މަދުކޮށްގެން އިންތިހާބު ނުބޭއްވޭނެ. އޮފިޝަލުންނާއި ޓްރެއިނަރުން ނެތި އިންތިހާބު ނުބޭއްވޭނެ،” އަކްރަމް ވިދާޅުވިއެވެ.

އެންމެ ފުރަތަމަ މި އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް މަސައްކަތް ކުރި މި އިންތިހާބު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ކުރިމަތިވުމުގެ ސަބަބުން ފަސްކޮށްފައެވެ. އީސީ އިން މިހާރު ގެންދަނީ އެ އިންތިހާބު އަންނަ މާޗު މަހަށް ބޭއްވުމަށް ތައްޔާރު ވަމުންނެވެ.

މި ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްއަށާއި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް ޖުމުލަ 980 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. މި މަގާމުތަކަށް 2،000 އަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލިއިރު، 40 އަށް ވުރެ ގިނަ މީހުން ފަހުން ވަނީ ނަން އަނބުރާ ނަގައިފައެވެ.

ކައުންސިލް އިންތިހާބު ފަސް ކުރަން ޖެހުމުގެ ސަބަބުން އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް އިސްލާހު ގެނެސްފައިވެއެވެ. އަދި ވަގުތީ ކައުންސިލްތަކެއް ގޮތުގައި ކަނޑައަޅައި ވަގުތީ ގާނޫނެއްވެސް ވުޖޫދު ކުރިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close