ނަމާދުގައި ސަފުހަދާއިރު ތިބެންޖެހޭނީ ކޮނޑާއިކޮނޑު ޖައްސައިގެންތޯ؟
ސުވާލު: ފަރުޟު ނަމާދަށް ޖަމާޢަތުގައި ސަފުހަދާއިރު ތިބެންޖެހޭނީ ކޮނޑާއި ކޮނޑު ޖެހޭގޮތަށް އެކަނިތޯއެވެ. ފަޔާއި ފައި ޖެހޭގޮތަށް ތިބެންޖެހޭނެތޯއެވެ؟
އެކަކު އަނެއްކަކާ ފައި ނުޖެހޭވަރަށް ދުރުދުރުގައި ބެހެއްޓޭނެތޯއެވެ.
އެގޮތަށް ދުރުދުރުގައި ފައި ބެހެއްޓިޔަސް ނަމާދު ޞައްޙަވާނެތޯއެވެ.
ޖަވާބު:
ސަފުގައި ތިބެންވާނީ ފަޔާފައި އަދި ކޮނޑާއި ކޮނޑު ޖެހޭގޮތަށެވެ.
ޖަވާބުދެއްވީ: ޑރ. މުޙައްމަދު ޢިޔާޟް ޢަބުދުއްލަތީފް
އިތުރު މައުލޫމާތު:
ކީރިތި ރަސޫލާ صلى الله عليه وسلم ނަމާދަށް ސަފު ހައްދަވާއިރު ސަފު ސީދާ ކުރެއްވުމަށް ޓަކައި ލޮންސި ބޭނުން ކުރެއްވިއެވެ. އެހައި ވެސް ސީދަލަށް ނަމާދުގެ ސަފުތައް ހުންނަން ޖެހެއެވެ.
ނަމާދުގެ ސަފުގައި އެހެން މީހުންނަށް ވުރެ ކުރިޔަށް ވެސް އަދި ފަހަތަށް ވެސް މީހަކު ޖެހިފައި ހުރެގެން ނުވާނެއެވެ. ނަމާދަށް ސަފު ހަދާފައި ހުންނަ އިރު ސަފުތައް ސީދާ ކުރަންވާނީ ސަފުގައި ތިއްބަވާ މީހުންގެ ފުންނާބުންނެވެ. ނުވަތަ ތަނބި ކަށިންނެވެ.
މިހެން ތިއްބަވާއިރު ދެ މީހުންގެ ދެމެދުގައި އެއްވެސް ހުސްތަނެއް ނޯންނަ ވަރަށް ފަޔާފައި ކޮނޑާކޮނޑު ހުންނަންވާނީ ޖެހި އެކަކު އަނެއްކަކާ ގުޅި ލާމެހިފައެވެ. އަދި ފައިތިލާގެ އިނގިލިތައް ހުންނަންވާނީ ގިބުލަޔަށް ސީދަލަށެވެ. އެއް ފަހަރަކު ނަމާދަށް ސަފު ހައްދަވައި ނަމާދަށް ފަށައިގަންނަވަން އުޅުއްވަނިކޮށް މީހެއްގެ މޭ ސަފަށް ވުރެ ކުޑަތަންކޮޅެއް ބޭރުގައި ހުއްޓައި ފެނިވަޑައިގަތެވެ.


