ރިޕޯޓް

ސުނާމީ ކާރިސާއަށް 17 އަހަރު، ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާ

2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ މުޅި ރާއްޖެއަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކާތެރި ކާރިސާއެވެ. ސުނާމީ ކާރިސާގެ ސަބަބުން، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އިޖްތިމާޢީ ކުރިއެރުމާއި ފާގަތިކަން ޙާޞިލު ކުރެވިފައިވާ މިންވަރު، މިވަނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިފައެވެ.
ޖުމްލަ ގެއްލުމުގެ ގޮތުގައި 470 މިލިއަން އެމެރިކާ ޑޮލަރު، ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ)ގެ 62 އިންސައްތަ ގެއްލުން ލިބޭނެ ކަމަށް އަންދާޒާ ކުރެވިފައިވެއެވެ. މި ގެއްލުންތަކުގެ ތެރެއިން ސީދާ ގެއްލުމަކީ 298 މިލިއަން ޑޮލަރު ނުވަތަ ގައުމީ ކެޕިޓަލް ސްޓޮކްގެ ރިޕްލޭސްމަންޓް ކޮސްޓްގެ ގާތްގަނޑަކަށް 8 ޕަސެންޓެވެ. އެ ކާރިސާގައި ގެތަކަށާއި، ޓޫރިސްޓް ރިޒޯޓަށާއި، ބޯޓަނަށާއި، މަސްވެރިކަމަށް ބޭނުންކުރާ އެހެނިހެން އާލާތްތަކަށާއި، ސްކޫލްތަކަށާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނަށާއި، ދަތުރުފަތުރާއި މުވާޞަލާތީ ވަސީލަތްތަކަށާއި، ފެނާއި ނަރުދަމާއަށާއި، ކަރަންޓުގެ އިންފްރާސްޓްރަކްޗަރއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މީގެ އިތުރުން ދަނޑުވެރިކަމުގެ ދަނޑުތަކަށާއި، ގަސްގަހާގެއްސަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ދަނޑުބިންތަކާއި، ގެދޮރު ގެބަދަލުގައި ގޯތިގެދޮރާއި، ފެންފަށަލަތައް ވަނީ ސެލިނައިޒް ކުރެވިފައެވެ. ޖިސްމާނީ ގޮތުން ލިބުނު ގެއްލުންތަކުގެ ސަބަބުން އާބާދީގެ ބޮޑު ބައެއް ގެދޮރު ގެއްލި، ދިރިއުޅުމުގެ މުދަލާއި، ފަހަށް ރައްކާކުރުމާއި، ދިރިއުޅުމުގެ ވަސީލަތްތައް ގެއްލިފައިވާއިރު، ޖިސްމާނީގޮތުންވެސް ގިނަބަޔަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އާބާދީގެ ގާތްގަނޑަކަށް 7% މީހުންގެ ދިރިއުޅުން ވަގުތީ ހިޔާތަކުގައި ނުވަތަ ގާތްތިމާގެ މީހުންގެ ގެތަކަށް ބަދަލުކުރާން ޖެހުނެވެ.
އޭރުގެ ސާރވޭ ޓީމްތަކުގެ ތަފާސް ހިސާބުތަކުން ދެއްކި ގޮތުގައި 470 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ޔަޤީން ކުރެވިފައިވާ އިރު ފާއިތުވެ ދިޔަ 17 އަހަރު ދުވަހުގެ ތެރޭގައިވެސް މި ގެއްލުންތައް ފޫބެއްދިފައި ނުވާކަމަށް ރިޕޯޓްތަކުން އެނގެއެވެ.


އިގްތިސޯދީ ހީނަރުކަމެއްގެ ތެރެއަށް ރާއްޖެ ވެއްޓުނުއިރު، އެންމެބޮޑު ގެއްލުމެއް ލިބުނު ސިނާޢަތަކީ ޓޫރިޒަމާއި މަސްވެރިކަމުގެ ސިނާއަތަށެވެ. ފަތުރުވެރިކަމާއި މަސްވެރިކަމުގެ އާމްދަނީ ގެއްލިގެން ދިޔުމަކީ، ޖީ.ޑީ.ޕީ.ގެ ކުރިއެރުމާއި، ވަޒީފާއާއި، ސަރުކާރުގެ އާމްދަނީ، ވަރަށް ބޮޑުތަކުން ދަށަށް ދިޔުމެކެވެ.
ރާއްޖޭގެ އިޤްތިޞާދު އަލުން އާރާސްތުކުރުން ބިނާވެފައި އޮތީ ފަތުރުވެރިކަމާއި މަސްވެރިކަން، އަލުން އަނބުރާ އިޢާދަ ކުރުމުގެ މައްޗަށް ބަރޯސާވެފައެވެ. ގެއްލިފައިވާ ނުވަތަ ހަލާކުވެފައިވާ މުދަލާއި އިންފްރާސްޓްރަކްޗަރ އާރާސްތުކުރުމަށާއި، ގެއްލުން ލިބުނު ފަރާތްތަކަށް ވަގުތީ ގޮތުން އިންކަމް ސަޕޯޓް ފޯރުކޮށްދިނުމަށް ޕަބްލިކް ފައިނޭންސިންގ އޮތީ ނުހަނު ބޮޑަށް ބޭނުންޖެހިފައެވެ.
ސުނާމީ ކާރިސާގެ ސަބަބުން، ރާއްޖޭގެ އާބާދީ މަދު ރަށްތަކަށް، އަމިއްލަ ވަޒަނުގައި ދިރިއުޅޭ މީހުން ޙަރަކާތްތެރިވުމަށް ބާރުއެޅުއްވުމުގެ ސިޔާސަތުއިތުރަށް ފުޅާކުރަން ޖެހުނެވެ. މި ސިޔާސަތުގެ މަޤްޞަދަކީ، މުސްތަޤްބަލުގައި ދިމާވެދާނެ ސުނާމީކާރިސާތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް ކުޑަކުރުމާއި، އަތޮޅުތަކުގައި ޕަބްލިކް އަދި ޕްރައިވެޓް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިކޮނޮމީސް އޮފް ސްކޭލް ޙަޤީޤަތަކަށް ހެދުމަށް އެހީތެރިވެދިނުމާއި، އަތޮޅުތަކުގައި ދެވޭ ޚިދުމަތުގެ ފެންވަރު ހަރުދަނާކުރުމާއި، ވެލްފެއަރގެ ކަންކަން ހަރުދަނާކުރުމާއި، އަތޮޅުތަކުގައި އާބާދީ ހިފެހެއްޓުމަށް އެހީތެރިވެދިނުމެވެ.

ހާލުގައި ޖެހުނު ފަރާތްތަކަށް އަވަސް ލުޔެއް ހޯދައިދިނުމަށް އޭރުގެ ސަރުކާރުން ގެންދިޔައީ ތައުރީފު ހައްގު މަސައްކަތްތަކެއް ކޮށް، އަލުން ބިނާކުރުމުގެ ޕްރޮގްރާމެއް ރާވައި، އެ ޕްރޮގްރާމް ހިންގަވަމުންނެވެ.
ރައްޔިތުންގެ ހަރުމުދާ އަލުން އާރާސްތުކޮށް، ގެއްލުނު ސަރުކާރުގެ އާމްދަނީ އަލުން އިޢާދަކުރުމަށް 364 މިލިއަން ޑޮލަރުގެ ފައިނޭންސިންގ ބޭނުންޖެހުނުއިރު އޭގެ ތެރެއިން ގިނަ ފައިސާ ހޯއްދެވީ ހިލޭ އެހީއާއި، ވަރަށް ބޮޑު ކޮންސެޝަނަލް ލޯނުތަކުގައި، ބޭރުގެ ވަސީލަތްތަކުން ނެވެ.
ކޮންމެއަކަސް މިކާރިސާއަށް މިއަދު 17 އަހަރުވީއިރު އަދި މިހަނދާންތަކާއި، ދުރަށް ދިއުމަށް ދަތިވެފައިވާ އެތައްބައިވަރު ދިވެހި އަފްރާދުން ތިބިކަމީ މިއަދު ޤަބޫލުކުރަންޖެހިފައިވާ ހަޤީޤަތެކެވެ. ބައެއް މީހުންގެ އަނބިދަރިން އެކާރިސާގައި ވީނުވީއެއް ނޭންގި ގެއްލިފައިވުމީ އެހަނދާންތަކާއި ދުވަހަކުވެސް ދުރު ނުވެވޭނެ ހަޤީޤަތެކެވެ.
އެކާރިސާގައި ފުރާނަދިޔަ އެންމެހައި ލޮބުވެތި އަޚުންނަށް ސުވަރުގެ މިންވަރު ކުރަށްވާށިއެވެ. އަދި އެފަދަ ކާރިސާއެއް ދެން ރާއްޖެއަށް މެދުވެރި ނުކުރައްވާށިއެވެ. އާމީން.

މައުލޫމާތުނެގީ:
ރާއްޖެއަށް ސުނާމީގެ އަސަރުކުރުމާއި ރިކަވަރީ: ޖޮއިންޓް ނީޑްސް އެސެސްމަންޓް، ވޯލްޑް ބޭންކް- އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް-ޔޫއެން ސިސްޓަމް.. ރިޕޯޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close