ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް ޢިމާރާތްކުރި ވަގުތީ މިސްކިތް ހުޅުވައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ޢިމާރާތްކުރި ވަގުތީ މިސްކިތް ހުޅުވައިފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ޢިމާރާތްކުރި “މަސްޖިދު އަބީބަކްރިއްޞިއްދީޤް” ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.
މި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި މިނިސްޓަރު ވިދާޅުވީ, މި މިސްކިތަކީ ދެވަނަ ފިޔަވަހީގައި އުޅޭ މީހުންނަށް ފަސޭހަކަމާއެކު ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ހަދާފައިވާ މިސްކިތެއް ކަމަށެވެ.
މިވެސް ކިޔާލާ:
ހަމައެހެންމެ މިސްކިތްތަށް ޢިމާރާތް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި, މިސްކިތްތަށް ޒީނަތްތެރިކޮށް ބެލެހެއްޓުމަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭންޖެހޭކަމެއްކަން ވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓަރު ވަނީ, ގަވާއިދުން ނަމާދު ގާއިމުކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
މަސްޖިދު އަބީ ބަކްރިއްޞިއްދީޤްގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. މި މިސްކިތަކީ 600 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ މިސްކިތެކެވެ. ދައުލަތުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުޟޫކުރުމާއި, ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ.


