ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް އިމާރާތް ކުރަން ބަޔަކާ ހަވާލު ކޮށްފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް އިމާރާތް ކުރަން ބަޔަކާ ހަވާލު ކޮށްފިއެވެ.
މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 2 ވަނަ ވަގުތީ މިސްކިތެވެ.
މި އެއްބަސްވުމުގައި މިހާރު ސޮއި ކޮށްފައި ވާއިރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއިކުރެއްވީ ޑރ. އަހްމަދު ޒާހިރު އަލީ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ މި މިސްކިތް ނިންމުމަށް ހަމަޖެހިފައި ވަނީ 35 ދުވަހުގެ މުއްދަތުގެ ތެރޭގައި ކަމަށެވެ.
މި މިސްކިތް އިމާރާތް ކުރަނީ ޔޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކަމަށް މިނިސްޓްރީން ބުނެއެވެ.
ދައުލަތުގެ ބަޖެޓުން 3.1 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގައި އެއްފަހަރާ 600 މީހުންނަށް ނަމާދުު ކުރެވޭނެ ކަމަށާއި ފިރެހެނުންގެ އިތުރުން އަންހެނުންނަށް ނަމާދު ކުރެވޭނެ އިންތިޒާމު ވެސް މި މިސްކިތުގައި ހަމަޖެހިގެން ދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ދަނީ ދެވަނަ ފިޔަވަހީގެ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ވަގުތީ ތިން މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އެއް މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.


