ކްރިސްޓިއާނޯ ރޮނާލްޑޯ: 800 ގޯލް ޖެހި ފުރަތަމަ ކުޅުންތެރިޔަކަށް
މިދިޔަ ބުރާސްފަތި ދުވަހު އާސެނަލް އަތުން 3-2 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑާއެކު އޭނާ ވެގެން ގޮސްފައިވަނީ ކެރިއަރުގައި 800 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ދެބުރުގެ މަތިން ރޮނާލްޑޯ ޔުނައިޓެޑަށް ދެ ޖާޒީގައި 130 ލަނޑު ޖަހައިދީ، ސްޕޯޓިން ލިސްބަން އަށް 5 ގޯލު، ރެއާލް މެޑްރިޑަށް 450، ޔުވެންޓަސް އަށް 101 ލަނޑު އަދި ޕޯޗުގަލް އަށް 115 ލަނޑު ވަނީ ރޮނާލްޑޯ ޖަހައިދީފައެވެ.
800 ގޯލް ހަމަކުރިއިރު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ ފިރިހެނުންގެ ބައިނަލްއަގުވާމީ ފުޓްބޯޅަ އާއި ޗެމްޕިއަންސް ލީގާއި ރެއާލް މެޑްރިޑަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. މިހާރު ޕޯޗުގަލް ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އެވެ.
ޕޯޗުގަލް އަކީ މޮޅު ކުޅުންތެރިންތަކެއް ނެރެފައިވާ ގައުމެކެވެ. ޔުސޭބިއޯ އާއި ލުއިސް ފީގޯ އާއި ރުއި ކޮސްޓާ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނެވެ.
އެކަމަކު ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، މި ކުޅުންތެރިންނަށް ވުރެ ރޮނާލްޑޯ އުޅޭނީ މާ ކުރީގަ އެވެ.

