މަހުމޫދުގެ މަރު: ފޯނާއި، އައިޑީކާޑް ވެސް ފެނުނީ ބިދޭސީ މީހާގެ ގެއިން
އދ. ދަނގެތީގައި ރަޙްމު ކުޑަގޮތަކަށް މަރާލި އެރަށު މޮނަލާޒް، މަޙްމޫދު އަބޫބަކުރު (57އ)، ގެ ފޯނާއި، އައިޑީ ކާޑުވެސް ފެނުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާ ދިރިއުޅޭ ގެއިން ފުލުހުން ބުނެފިއެވެ.
މީގެ އިތުރުންވެސް އެ މަރާ ގުޅުންހުރި އިތުރު ހެކިތަކެއް ބިދޭސީ މިހާގެ ގެއިން ފެނިފައިވާއިރު،ފުލުހުން ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގުގައި ހައްޔަރުކޮށްފައިވާ ޝާ އަލޮމް މިއާ އދ. ދަނގެތީގައި ދިރިއުޅެމުންދިޔަ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައި ވަނިކޮށް ހޯދައި، ތަހުލީލުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައިކަމަށެވެ. އޭގެ ތެރޭގައި، މަޙްމޫދު އަބޫބަކުރުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކިތައް ހިމެނޭކަމަށް ފުލުހުން ބުނެފައިވެއެވެ.
މަޙްމޫދު އަބޫބަކުރު މަރާލުމުގައި ޝާ އަލޮމް މިއާގެ އިތުރުން އިތުރު މީހެއް ނުވަތަ ބައެއްގެ ބައިވެރިވުން އޮތްކަމަށް މިހާތަނަށް ތަހުގީގުގައި ކުރެވުނު މަސައްކަތުން ފާހަގަކުރެވިފައެއް ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޝާ އަލޮމް އަކީ އެ ރަށުގައި އުޅޭ އުމުރުން ދުވަސްވީ މީހެއްކަމަށްވާ އާދަމްބެ ބަލަހައްޓަން ހުންނަ ބިދޭސީއެކެވެ. އެ ރަށު ނެދުންގޭގައި ދިރިއުޅެނީ ސާލިމާއި އާދަންބެ އެކަންޏެވެ. އެ ގެއަކީ މަހުމޫދު މަރައިލައިފައި އޮތް ގޭގެ ބިއްދޮށުގައި ހުންނަ ގެއެކެވެ. ޝާ އަލޮމް ލައްވައި ފުލުުހުންވަނީ މަހުމޫދު މަރާލުމުގައި އޭނާ އަމަލުކޮށްފައިވާ ގޮތް ކުޅުވާފައެވެ.
އަދި އެރޭ އޭނާގެ އަމަލުތައް ހުރި ގޮތާއި، އޭނާ ދިޔަ ތަންތަނާއި، ދެއްކި ވާހަތައްވެސް ފުލުހުން ވަނީ އޭނާ ލައްވައިކިޔައިދީ ކުޅުވާފައެވެ. މިމަންޒަރުތައް ބެލުމަށް އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ޖަމާވެސް ވިއެވެ. ފުލުހުން ޝާ އަލޮމް ގޮވައިގެން ނެދުންގޭ ތެރޭގައި ފަކީރާތަކަކާއި ލައިޓުތަކެއް ހިފައިގެން ވެސް އުޅުނެވެ. ބޮޑަށް ބެލެވޭ ގޮތުގައި އެރޭ އޭނާ އެތަކެތިވެސް ބޭނުންކޮށްފައިވެއެވެ.
މި މައްސަލަ، ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހޮމިސައިޑް އިންވެސްޓިގޭޝަންގެ ތަހުގީގު ޓީމަކާއި އދ. އަތޮޅު ފުލުހުންގެ އިތުރުން ފޮރެންސިކް ތަހުލީލު ޓީމެއް ގުޅިގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަޙްމޫދު އަބޫބަކުރު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ، މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި ފަޅު ގެއެއްގެ ތެރޭގައި ހުރި ފެން ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވައެވެ.
