ޚަބަރު

ރަސްފަރީ ފަރަށް ލިބުނު ގެއްލުމުގެ ބަދަލަށް 100 މިލިއަން ރުފިޔާ ދައްކަން އަންގައިފި

ޕެނަމާގެ އާގުބޯޓް ، ކ. ރަސްފަރީ ފަރަށް އުރުނު ހާދިސާގައި އެފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި100 މިލިއަން ރުފިޔާ ދެއްކުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.

ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ “ނެވިއޯ އަމަރީލިސް” ނަމަކަށް ކިޔާއެ ބޯޓު ފަރަށް އެރީ މިދިޔަ އޮގަސްޓު މަހުގެ19 ވަނަ ދުވަހު އެވެ. 623 ފޫޓުގެ އެ އާގު ބޯޓު ފުން ކުރެވުނީ ޓަގްބޯޓެއް ގެނެސްގެން ފަރަށް އެރިތާ 10 ދުވަސް ފަހުންނެވެ.

އެ މައްސަލައިގަ ފަރަށް ލިބުނު ގެއްލުން ބަލާނުނިމެނީސް ބޯޓަށް ނުފުރޭނެ ކަމަށް އޮތީ އަންގާފަ އެވެ.

އީޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ބޯޓު ފަރަށް އެރުމުން ސަރަހައްދު ބަލައި ސާވޭ ކުރިއިރު ފަރުގެ 8،867 އަކަ މީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، މުރަކަތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ބުންޏެވެ.

އީޕީއޭ އިން ބުނި ގޮތުގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ބެލުމުން އެ ކުންފުނިން ޖޫރިމަނާގެ ގޮތުގައި 893,952,569 ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. އެކަމަކު އެ ގާނޫނު ބުނާގޮތުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުން އެންމެ ގިނައިން ނެގޭނީ100 މިލިއަން ރުފިޔާ އެވެ.

އީޕީއޭއިން ބުނީ ބަދަލުގެ ގޮތުގައި ދައްކަން އަންގާފައިވަނީ ގާނޫނުގައި އެންމެ ގިނައިން ޖޫރިމަނާ ކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ އަދަދުން ކަމަށެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close