18 ކިލޯ އަށްވުރެ ގިނަ މަސްތުވާ ތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި
ގިނަޢަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ބްރެޒިލް އިން ރާއްޖެ އައި މީހަކު ހައްޔަރު ކޮށްފިއެވެ.
ކަސްޓަމްސް އިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ދަށުން އަތުލައިގަތް މިމީހާގެ އަތުން ޖުމްލަ 18.857 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ކަސްޓަމްސްއިން ބުނެފައިވަނީ މިމަހުގެ 2 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 28 އަހަރުގެ ބްރެޒިލް ފިރިހެނެއް، އޭނާއާއި މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައިވާކަމަށެވެ.
އަދި ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 18.857 ކިލޯގުރާމް ހުރިކަމަށެވެ.
މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 94،000،000.00 (ނުވަދިހަ ހަތަރު މިލިއަން) ރުފިޔާއަށް އަރާކަމަށާއި، އަދި މިމައްސަލައިގައި ޝާމިލްވާ މިހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.


