ސާފުތާހިރުކަން ދައްވުމުގެ ސަބަބުން“ދޮންގޮއްޔެ” ބްރޭންޑުގެ އުފެއްދުންތައް މަނާކޮށްފި
ތަކެތި އުފެއްދުމުގައްޔާއި، އުފައްދާ ތަނުގެ ސާފުތާހިރު ކަން ދައްވުމުގެ ސަބަބުން ރާއްޖޭގައި އުފައްދާ “ދޮންގޮއްޔެ” ބްރޭންޑުގެ ކާބޯތަކެތި ރާއްޖޭގައި ވިއްކުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ އެ ބްރޭންޑްގެ އުފެއްދުން ތަކުން ބައްޔެއް ފެތުރުމުގެ ފުރުޞަތުވެސް އޮތްކަމަށެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބްރޭންޑުގެ ކާބޯތަކެތި އުފައްދާތަން އެ އެމްއެފްޑީއޭގެ ޓީމަކުން ގޮސް އިންސްޕެކްޓު ކޮށްފައިވާ ކަމަށެވެ. އެ އިންސްޕެންޝަނަކީ އެތަނަށް ލިބުނު ޝަކުވާތަކަކާއި ގުޅިގެން ހިންގި އިންސްޕެކްޝަނެއް ކަމަށް ބުނެ އެވެ.
އެމްއެފްޑީއޭއިން ބުނީ އިންސްޕެކްޝަންގައި އެ ތަނުގެ އާންމު ސާފުތާހިރުކަން ވަރަށް ދަށްކަން ފާހަގަ ކުރެވުނު ކަމަށެވެ.
އެހެންކަމުން އެތަނުގެ ކާބޯތަކެތި ތައްޔާރު ކުރާތަން އިސްލާހު ނުކޮށް އެތަނުން އުފައްދާ އަދި ބަންދު ކުރާ ތަކެތި ބޭނުން ކުރުމަކީ އޭގެ ސަބަބުން އާންމު ސިއްހަތަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.
އެމްއެފްޑީއޭއިން ވަނީ މިހާތަނަށް ބާޒާރުގައި ހުރި “ދޮންގޮއްޔެ” ބްރޭންޑުގެ އުފެއްދުންތައް ބޭނުން ކުރުމާއި ވިއްކުން މަނާކޮށްފަ އެވެ.


