ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރެއް ހެދުމަށް އިންޑިޔާއިން އެހީދެނީ
ށ. ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރެއް ހެދުމަށާއި ދެ މުއައްސަސާއަކަށް ބޭނުންވާ ވެހިކަލް ގަތުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީ ހަމަޖައްސައިދީފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދީފައިވާ 106 މިލިއަން ދިވެހި ރުފިޔާ ނުވަތަ 6.9 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރެއް ހެދުމަށް ފަސް މިލިއަން ދިވެހި ރުފިޔާ ހަމަޖައްސައިދީފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ފޯކައިދޫގައި ހަދާ ކޮމިއުނިޓީ ސެންޓަރުގައި އެރަށުގެ ރައްޔިތުންނަށް އަދި އެ އަތޮޅުގެ ރައްޔިތުންނަށްވެސް ބޭނުންވާ ތަފާތު އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަަށެވެ. އެގޮތުން ޒުވާނުންގެ ކުރިއެރުމަށް ހިންގާ ހަރަކާތްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިދާރީ މަސައްކަތްތަކާއި، ކުތުބުޚާނާގެ ޚިދުމަތާއި، އަތޮޅު ފެންވަރުގައި ބާއްވާ ވޯކްޝޮޕް، ރީޖަނަލް ސެމިނާ އަދި އެކި ބައްދަލުވުންތައް ބޭއްވުމަށް މި ސެންޓަރު ބޭނުން ކުރެވޭނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ. މިވަގުތު އެކި އުމުރުފުރައިގެ މީހުންނަށް މިފަދަ އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ބޭނުންކުރާނެ ތަނެއް އެ ރަށުގައި ނެތްކަން ވެސް ފޮރިން މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
މީގެއިތުރުން އިންޑިއާގެ ހިލޭ އެހީގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއަށް އަށް ބޭނުންވާ އުޅަނދުފަހަރު ގަތުމަށް 8 މިލިއަން ދިވެހި ރުފިޔާއާއި މާލޭ ސިޓީ ކައުންސިލަށް ބޭނުންވާ މެޝިނަރީއާއި ވެހިކަލް ގަތުމަށް ވެސް 8 މިލިއަން ދިވެހި ރުފިޔާ ވަނީ ހަމަޖައްސައިދީފަ އެވެ.
ފޮރިން މިނިސްޓްރީން އިންޑިއާ ހިލޭ އެހީއާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތައް އެއް ތަނުން އަނެއް ތަނަށް އަވަހަށް ގެންދިއުމަށްޓަކައި އެ ސާވިސްއަށް ބޭނުންވާ އިތުރު އުޅަނދުތައް ލިބިގެންދާނެ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މާލެ ސިޓީ ކައުންސިލުގެ ގާބިލްކަން އިތުރުވެ، ސިޓީ ކައުންސިލުންދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެ، މާލެ ސިޓީގެ ތަރައްގީއަށް މަޝްރޫއުތައް ހިންގުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
ރާއްޖޭގައި އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އިންޑިއާއިން އެއްބަސްވީ މި އަހަރުގެ މާޗް މަހުގެ 17 އިން 18 އަށް އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.
