ފައިސާ ޗާޕުކުރުމުގެ މުއްދަތު އިތުރުކޮށްފި
އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމުގެ ހުއްދަ ހޯދުމަށްޓަކައި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެދަށުން ފައިސާ ޗާޕް ކުރުމުގެ ހުއްދައަށް ފިނޭންސް މިނިސްޓްރީން އެދިފައިވާތީ ފައިސާ ޗާޕުކުރުމުގެ މުއްދަތު 2023ގެ ނިޔަލަށް އިތުރުކޮށްފި އެވެ.
އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމުގެ ހުއްދަ ހޯދުމަށްޓަކައި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން ހުއްޓާލަފައި އޮތްއޮތުން އިތުރު އެއް އަހަރުގެ މުއްދަތަކަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފައިވަނީ މިއަދުއެވެ.
ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން ހުއްޓާލާފައި އޮތްއޮތުން ތިންވަނަ ފަހަރަކަށް އިތުރުކުރުމަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށަހެޅުއްވީ މިމަހުގެ 16 ވަނަ ދުވަހުއެވެ. މީގެ ކުރިން 2 ފަހަރެއްގެ މަތީން މަޖިލީހުން ވަނީ މިމުއްދަތު އިތުރުކޮށްދީފައެވެ.
މަޖިލީހުގައި ބަހުސްކުރުމަށްފަހު، މިމައްސަލަ ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށްފައެވެ. ކޮމިޓީން މިމައްސަލަ ދިރާސާކުރުމަށްފަހު ފިނޭންސް މިނިސްޓަރ އެދިވަޑައިގެންފައިވާ ގޮތަށް ހުއްދަދެއްވުމަށް ވަނީ ނިންމައިފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މަޖިލީހުގެ އަޤްލަބިއްޔަތުން ކޮމިޓީގެ ރިޕޯޓް ފާސްކޮށްފައެވެ
އިތުރު އެއްއަހަރަށް މުއްދަތު އިތުރުކުރުމަށްއެދި ފިނޭންސް މިނިސްޓަރ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވީ، ވޭތުވެދިޔަ 18 މަހެއްހާ ދުވަހުގެ ތެރޭގައި މި އިސްތިސްނާގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތްތަކަށް ބުރޫ އެރިޔަނުދީ، ދައުލަތް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔަކަމަށެވެ. އަދި އޭގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން އިޤްތިސާދީ ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓުނުއިރު، ވިޔަފާރިތަކަށާއި އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ސިއްޙީ ދާއިރާއަށް ކުރަންޖެހުނު ޚަރަދުތައް ހަމަޖެއްސުމުގެ ފުރުސަތު ލިބިގެން ދިޔަކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ވެކްސިނާއެކު ކޮވިޑްގެ ބަލިމަޑުކަމުން އަރަގަންނަން އުއްމީދީ ނިޝާންތަކެއް ފެނި، ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ފަތުރުވެރިކަމާއި އިގްތިސާދަށް ކުރިއެރުން ލިބުނުނަމަވެސް، މިހާތަނަށްވެސް ދުނިޔެއަށް މި ބަލިމަޑުކަމުން ފުރިހަމައަށް އަރައިގަނެވިފައި ނުވުމާއި، އިގުތިސާދީ ހިރާސްތައް އަދިވެސް މަތިކޮށް ހުރުމާއެކު، ކުރު މުއްދަތެއްގެ ތެރޭގައި ޕަބްލިކް ބޭންކް އެކައުންޓްގެ އޯވަޑްރޯ ކުރި އަދަދު އަނބުރާ ދެއްކުމަކީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމުގައާއި ދައުލަތުގެ ބަޖެޓު ތަންފީޒުކުރުމުގައި ދަތިތަކާއި ކުރިމަތިވެދާނެ ކަމެއްކަމަށް މިނިސްޓަރގެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ވަނީ، ފައިނޭންސިންގ ހޯދުމަށް ހުރަސްތަކެއް ހުރުމާއެކު، 2022 ވަނަ އަހަރުގެ އެޕްރީލްމަހުން ފެށިގެންވެސް ޕަބްލިކް ބޭންކް އެކައުންޓް އޯވަރޑްރޯ ނުކޮށް ކުރިއަށް ދިއުމަކީ އިޤްތިސާދަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށްވެސް އެކަމުގެ ނުރަނގަޅު އަސަރުކުރާނެ ކަމެއްކަމަށް ފާހަގަކުރައްވާފައެވެ.

