އިންޑިޔާއިން ނެގި 150 މިލިއަން ޑޮލަރުގެ ލޯނެއް 2023 ގެ ނިޔަލަށް ދައްކަން ޖެހިއްޖެ
އިންޑިޔާ ސަރުކާރުން ދިވެހި ސަރުކާރަށް ނެގި 150 މިލިއަން ޑޮލަރުގެ ލޯނު 2023 ވަނަ އަހަރު ގެ ނިޔަލަށް ދިވެހި ދައުލަތުން ދައްކަން ޖެހިއްޖެ އެވެ.
އަންނަ އަހަަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން 2019 ވަނަ އަހަރު އިންޑިއާ އިން އިންވެސްޓް ކުރި 150 މިލިއަން ޑޮލަރުގެ ޓީ- ބިލް 2023 ވަނަ އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ޖެހެ އެވެ.
ކުރިން މި 150 މިލިއަން ޑޮލަރަކީ ހިލޭ އެހީއެއްގެ ގޮތުގައި ދިން އެއްޗެއް ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނި ނަމަވެސް މި 150 މިލިއަން ޑޮލަރު އިންޑިއާ އިން ވަނީ އެއީ ރާއްޖެއިން އަނބުރާ ދައްކަން ލާޒިމް ކުރާ ދަރަންޏެއްގެ ގޮތުގައި ބަހައްޓާފަ އެވެ.
އެހެންކަމުން އަންނަ އަހަރު ލޯނުތައް އަނބުރާ ދައްކަން 2.8 ބިލިއަން ރުފިޔާ ހޭދަ ކުރަން ޖެހޭނެ އެވެ. މިއީ ޖުމްލަ ބަޖެޓުގެ 7.7 ޕަސެންޓެވެ.
ސަރުކާރުން ހަމައެކަނި އިންޑިއާއިން އެކި ނަންނަމުގައި 1.6 ބިލިއަން ޑޮލަރުގެ ލޯނު ނަގާފައިވެ އެވެ. އެހެން ނަމަވެސް އެ ފައިސާ އިން ކުރެވުނު ކަމެއް ފެންނަން ނެތް ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.
ކޮންމެ އަހަރަކު އިންޑިއާއިން ގިނަ އަދަދަކަށް ހިލޭ އެހީ ލިބޭނެ ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް އެއްވެސް އަހަރަކު ބަޖެޓުގައި ޖަހާ މިންވަރާއި ގާތަށްވެސް އެހީ ނުލިބޭކަން ވެސް އިދިކޮޅުން ފާހަގަކުރެ އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިޔާގެ އެސްބީއައި އިން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑެއް 2012 ވަނަ އަހަރު ވެރިކަން ބަދަލުވުމާ ގުޅިގެން އެ ލޯނު ދައްކަންޖެހޭ މުއްދަތުގެ ކުރިން އިންޑިޔާއިން ވަނީ ދައްކަން އަންގާފަ އެވެ.
އެއީ ނެގިތާ ފަސް އަހަރު ފަހުން އެއްކޮށް ދައްކަންޖެހޭ ބޮންޑެއް ކަމަށްވިޔަސް އިންޑިޔާއިން ހިތްހަމަ ނުޖެހުމުން ސަރުކާރަށް ޖެހުނީ އެ ފައިސާ ވަގުތުން ދައްކާށެވެ.

