ޚަބަރު

އެމެރިކާ ސަފީރު، ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި

އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސަލަންސީ އެލެއިނާ ޓެޕްލިޓްޒް ވަނީ ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ހެޔޮވެރިކަން ކުރިއަށްގެންދިއުމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށާއި، އިޖްތިމާޢީ-އިޤްތިޞާދީ ގޮތުން ކުރިއަށްދިއުމަށާއި އަދި ކައުންޓަރ ޓެރެރިޒަމް ކުރިއަށްގެންދިއުމުގައި އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭކަމަށްޓަކައި އެކަމަނާއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ މި ސަރުކާރު ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވަރަށް ތަޢުރީފުކުރައްވާފައެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމެރިކާގެ ރައީސް ބައިޑަންގެ ސަރުކާރުން ޕެރިސް އެގްރީމަންޓްގައި ބައިވެރިވުމަށް ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއްކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މިއަހަރު ފަހުކޮޅު ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް-26 ކޮންފަރެންސްގައި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެމެރިކާއިން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެ ކަމަށް ރާއްޖެއިން ދެކޭކަމަށް ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި އެލެއިނާ ޓެޕްލިޓްޒް، ވަނީ ރާއްޖެއިން ބައިނަލްއަޤްވާމީ ފެންވަރެއްގައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް މަސައްކަތް ކުރާކަން ފާހަގަކުރައްވާފައެވެ. އަދި ވަކިން ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތައްކުޑަކުރުމަށް ހިންގޭކަންކަމަށް ޚަރަދުކުރުމަށް ގޮވާލާ ރާއްޖެއިން ކުރާ މަސައްކަތް އެކަމަނާ ފާހަގަކުރެއްވެވިއެވެ.

ހަމަ އެއާއެކު، އެކަމަނާ ވަނީ ރާއްޖެއާއެކު ޚިޔާލު އެއްގޮތް ކަންކަމުގައި މަސައްކަތް ކުރުމަށް ބޭނުންފުޅު ވާކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ތިމާވެށި ރައްކާތެރިކުރުމަށާއި، ކާރިސާއެއް ކުރިމަތިވާހިނދު އެކަމުން އަރައިގަތުމަށް ކުރެވެންހުރި ކަންތައްތަކާއި އަދި ކައުންޓަރ ޓެރެރިޒަމްގެ ދާއިރާ އިން މަސައްކަތްކުރަން ބޭނުންފުޅުވާކަން އެކަމަނާ ފާހަގަކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި އެމެރިކާ ސަރުކާރުގެ ގުޅުން ބަދަހިކުރުމަށް އެލެއިނާ ޓެޕްލިޓްޒްގެ ސަފީރުކަމުގެ ދުވަސްވަރު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ. އަދި އެކަމަނާއަށް ކާމިޔާބު މުސްތަޤްބަލަކަށް އެދިވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ރައީސުލްޖުމްހޫރިއްޔާ ބެހެއްޓެވި ގާތްކަމަށް ޝުކުރުއަދާކުރައްވާފައެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިތުރު ދާއިރާތަކުން ގުޅުން ޤާއިމްވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށާއި، އެމެރިކާގެ ސަރުކާރުން ރާއްޖެއާއެކު ގުޅުން ޤާއިމުކުރުމަށް އެހީތެރިކަމާއި، އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close