ކުޅިވަރު

ޔޫރަޕްގެ ޗެމްޕިއަން އިޓަލީ ބަލިކޮށް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ސްޕެއިން ކަށަވަރު ކޮށްފި

ޔޫއެފާ ނޭޝަންސް ލީގު ސެމީފައިނަލުގައި ރޭ އިޓަލީއާއި ސްޕެއިން ބައދަލުކުރި އިރު، މި މެޗުން 1-2 އިން އިޓަލީގެ މައްޗަށް ކުރިހޯދާ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ސްޕެއިން ކަށަވަރު ކޮށްފިއެވެ.

ރޭގެ މެޗް ފެށިގެން ހާފުގެ ކުރީކޮޅު އިޓަލީން ރަނގަޅަށް ކުޅުނު ނަމަވެސް މެޗުގެ 17 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. ސްޕެއިންއަށް މެޗުގެ ލީޑުނަގައިދިން ލަނޑު ކާމިޔާބު ކޮށްދިނީ މިކޭލް އޮޔަޒަބަލްގެ އެހީތެރިކަމާއި އެކު ފެރާން ޓޯރޭޒް އެވެ. މި ލަނޑަށް ފަހު ސްޕެއިނުން ރަނގަޅަށް ކުޅުނުއިރު، އިޓަލީއަށް މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް ކެޕްޓަން ލިއަނާޑޯ ބޮނޫޗީއަށް ރެފްރީ ރަތްކާޑް ދައްކާ ދަނޑުން ފޮނުވާލި ހިސާބުންނެވެ.

މެޗުގެ ބާކީ ބައި އިޓަލީން ފުރިހަމަ ކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ސްޕެއިނުން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ފެރާން ޓޯރޭޒްއެވެ.

ސްޕެއިން ދެ ލަނޑުގެ ލިޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، މި މެޗުގައި އިޓަލީން ކާމިޔާބު ކުރި ހަމަ އެކަނި ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކިއޭސާގެ އެހީތެރިކަމާއި އެކު ލޮރެންޒީ ޕެލަގްރިނީއެވެ.

ރޭގެ މެޗުން މޮޅުވެ ސްޕެއިން މުބާރާތުގެ ފައިނަލަށް ދަތުރުކުރި އިރު، އެޓީމު ފައިނަލުގައި ބައްދަލުކުރާނެ ޓީމެއް އެނގޭނީ މިރޭ ކުޅޭ ސެމީގެ ދެވަނަ މެޗަށް ފަހުގައެވެ. މިރޭ ކުޅޭ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ބެލްޖިއަމް އަދި ފްރާންސްއެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close