ސްރީލަންކާގައި އިއުލާންކޮށްފައިވާ ފުރަބަންދު އުވާލައިފި
ހަ ހަފްތާ ވަންދެން ފުރަބަންދު ކޮށްފައި އޮތުމަށްފަހު ސްރީލަންކާގައި އިއުލާންކޮށްފައިވާ ފުރަބަންދު އުވާލައިފި އެވެ.
އެގައުމުގައި ޑެލްޓާ ވޭރިއެންޓު ފެތުރި، ބަލި ޖެހުނު މީހުންގެ އަދަދު އިތުރުވާން ފެށުމާއެކު އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ފުރަބަންދު ކުރުމަށް ފަހު، އެ ހާލަތު މިއަދު އުވާލީ ހަ ހަފްތާ ފަހުން ނެވެ.
އެ ގައުމުގެ ފުރަބަންދު އުވާލާފައި މިވަނީ ކޮންމެ ދުވަހަކު އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 1،000 އަށް ވުރެ ދަށްވެ، މަރުވާ މީހުންގެ އަދަދު ވެސް ދުވާލަކު 100 އަށް ވުރެ މަދުވުމުން ނެވެ.
ލަންކާއިން ލޮކްޑައުން އުވާލި ނަމަވެސް އިދުރު ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ.
އެގޮތުން ވަޒީފާއަށް ނުވަތަ ކޮންމެހެން ބޭނުންވާ ތަކެތި ގަންނަން ނޫން ގޮތަކަށް ގެއިން ނުނިކުތުމަށް ވަނީ އަންގާފަ އެވެ. އަދި ބޮޑެތި އެއްވުންތައް ބޭއްވުމާއި ސިނަމާތަކާއި ސްކޫލްތަކާއި ރެސްޓޯރެންޓުތައް އަދިވެސް ވަނީ ބަންދުކޮށްފަ އެވެ.
އެ ގައުމުގެ ފުރަބަންދު އުވާލާފައިވާ އިރު، ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ބައެއް ސާމާނު ކަމަށްވާ، ހަކުރާއި ކިރާއި ކައްކަން ބޭނުން ކުރާ ގޭސް ލިބުން ވަނީ ދަތިވެފަ އެވެ.
ވިޔަފާރިވެން ބުނަނީ އޭގެ އެއް ސަބަބަކީ އެމެރިކާ ޑޮލަރު ލިބުން ދަތިވެ، ކާބޯތަކެތި އިމްޕޯޓު ކުރަން ހުރަސް އެޅިފައިވުމެވެ.
ފަސް ލައްކައަށް ވުރެ ގިނަ މީހުން އެގައުމުގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، 12،847 މީހުން ވަނީ މަރުވެފަ އެވެ.
ސްރީލަންކާގެ އާބާދީގެ 50 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފަ އެވެ. އެގައުމުގެ އާބާދީއަކީ 22 މިލިއަން މީހުން ނެވެ.

