ޚަބަރު

ނިއު ނޯމަލްގައި ރައްޔިތުން ޢަމަލު ކުރާނެ އުޞޫލުތައް ޢާއްމުކުރަނީ

ފުރަބަންދަށް ފަހު އަންނަ ނިއު ނޯމަލްގައި ރައްޔިތުން އަމަލު ކުރަން ޖެހޭ އުސޫލުތައް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އާންމު ކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ “ޕީއެސްއެމް” އަށް ދެއްވި އިންޓަވިއުއެއްގައި އަމީން ވިދާޅުވީ އާ އާންމު ހާލަތުގައި އަމަލު ކުރާނެ ގޮތްތައް އެކުލަވާލައި ނިމިފައިވާ ކަމަށެވެ. ޑޮކްޓަރުންނާއި ކަމާގުޅޭ އިދާރާތަކުގެ ލަފައާ އެކު ހެދި މި އުސޫލުތައް ޕޮލިސީ ލެވެލްގައި މަޝްވަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި މާދަމާ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ އެ ބައްދަލުވުންތަކަށް ފަހު، ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި އުސޫލުތައް އާންމު ކުރައްވާނެ ކަމަށެވެ.

މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކީ، ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައި، މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލެ ފުރަބަންދަކަށް ދިޔައެވެ. އަދި މިހާތަނަށް އައިއިރު، ހަމައެކަނި މާލެ އިން ވެސް 1،000 ވުރެ ގިނަ މީހުންގެ ގައިން ބަލި ފެނިފައިވެއެވެ. ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ.

ކޮވިޑް19 ފެތުރެމުންދާތީ ސުކޫލުތައް ބަންދުކޮށްފައި އޮންނަތާ ވެސް މިހާރު ދެމަހަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. ނިއު ނޯމަލްއަކަށް ގޮސް ސުކޫލުތަކުގައި ކިޔަވައިދޭން ފަށަންވެސް މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ. ނިއުނޯމަލްގައި ސްކޫލްތަކުގެ ދަންފަޅިތައްވެސް އިތުރުކޮށް ކިޔަވައިދޭ ވަގުތު މަދުކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ލަފާދެއްވަމުންނެވެ.

ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަޙައްދު ފުރަބަންދެއްގައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވީ އިރު، ފުރަބަންދަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެގޮތުން އެންމެ ފުރަތަމަ މޮނިޓަރިންގެ ހާލަތްތަކުގައި ނެތް ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސައިފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1313 އަށް އަރާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close