ޚަބަރު

ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 74 މީހުން

ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 74 މީހުން ކަމުގައި އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ. .

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އިން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 74 މީހުންނެވެ. މީގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 13 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 51 މީހަކު ހިމެނެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 79،000 އަށް އަރާފައެވެ.

އޯގަސްޓް މަސް ފެށުނު ފަހުން ރާއްޖެއިން ދުވާލަކު ބަލިޖެހިގެން ރިޕޯޓްކުރާ މީހުންގެ ޢަދަދު 100 އިންބ ދަށަށް ވެއްޓުނު މިއީ ދެވަނަ ފަހަރެވެ. މި މަސް ފެށުނުފަހުން އެވްރެޖްކޮށް ރާއްޖެއިން ބަލި ޖެހޭ މީހުންގެ ޢަދަދުތައް އުޅެނީ 100 އާއި 130 އާ ދެމެދުއެވެ. އަދި މި މަހުގެ ތެރޭގައި އެންމެ ގިނައިން ބަލިޖެހިގެން ރިޕޯޓްކޮށްފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އެ ދުވަހު 137 މީހަކު ރާއްޖެއިން ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު، މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް އަތޮޅުތަކުންނާއި ރިސޯޓުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބައެއް ދުވަސްތަކުގައި އިތުރުވާކަން އެޗް.ޕީ.އޭގެ ތަފާސް ހިސާބުތަކުންދައްކައެވެ.

ކޯވިޑަށް މިވަގުތު ފަރުވާ ހޯދަމުންދަނީ 1735 މީހުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 18 މީހުންނަށެވެ.

ރާއްޖޭގައި ކޯވިޑްގެ ޙާލަތު ރަނގަޅުވާން ފަށާފައިވާއިރު، ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ރިކޯޑް ޢަދަދަކަށް މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 299 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 77،031 އަށް އަރާފައެވެ.

24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 4،813 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 203 ދިވެހިންނާއި 19 ބިދޭސީންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close