އެމްޑީޕީގެ ޤައުމީ މަޖްލިސްގެ އިންތިޚާބު، ވޯޓް ލެވޭ 93،000 މީހުން އެބަތިބި
ރާއްޖޭގައި އަދި މިހާތަނަށް ޕާޓީއަކުން ޕާއްވާ އެންމެބޮޑު އެތެރޭގެ އިންތިޚާބު އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބަށް ވެފައިވާއިރު މި އިންތިހާބުގައި 700 އަށްވުރެ ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށާއި، ވޯޓްލެވޭ 93،000 މީހުން ތިބިކަމަށް އެ ޕާޓީން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު މިއަދު ވިދާޅުވީ އިންތިޚާބުގައި އެކި ދާއިރާތަކާއި އެކި މަގާމުތަކަށް 733 ކެނޑިޑޭޓުން ވާދަކުރާނެ ކަމަށެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 93،165 މީހުންނަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ވޯޓުލުމުގެ ފުރުސަތު ދޭނީ އެހެން އިންތިޚާބުތަކުގައިވެސް އަމަލުކުރާ އުސޫލުން ޕާޓީގެ ދަފްތަރުގައި ހިމެނޭ މީހުންނަށް ކަމަށް ވިދާޅުވި އެވެ. ހަސަން ވިދާޅުވީ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ވޯޓުލާން ފުރުސަތު ދޭނީ ބަލަންޖެހޭ ކަންކަން ބެލުމަށް ފަހުކަމަށެވެ.
އެގޮތުން ބައެއް މީހުން އެހެން ޕާޓީތަކުގެ ދަފްތަރުގައި ތިބި ކަމުގެ ގިނަ ޝަކުވާތަކެއް ލިބިފައިވާތީ އެ ފަރާތްތަކަށް ވޯޓުލުމުގެ ހައްގު ނުލިބޭނެ ކަމަށް ވިދާޅުވި އެވެ. އަދި މިހާޜު އެ ފަރާތްތައް ވޯޓާސް ލިސްޓުން އުނިކޮށްފައި ކަމަށް ވިދާޅުވި އެވެ.
ލިސްޓުން އުނިކުރީ އިންތިހާބު އިއުލާނު ކުރި ފަހުން ޕާޓީގެ ދަފްތަރުން ކެނޑުނު މީހުންނެވެ.
ހަސަން ވިދާޅުވީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގަ ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށާއި އާބާދީ ބޮޑެތި ރަށްރަށުގައި ގިނަ ފޮށިތަކެއް ބަހައްޓަން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ވޯޓު ފޮށްޓަކަށް ބޭނުންވާ އަދަށް އޮފިޝަލުން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އޮފިޝަލުން ހޯދުމުގައި އެންމެ ދަތިވާ ކަމަކީ އިންތިޚާބެއް ބާއްވާއިރު އޮފިޝަލުންގެ ގޮތުގައި ކެންޑިޑޭޓުންނާއިއެކު މަސައްކަތްކުރާ ފަރާތްތައް އޮފިޝަލުންގެ ގޮތުގައި ބައިތިއްބަން ޖެހުން ކަމަށެވެ. އެހެންކަމުން އޮފިޝަލުންގެ ގޮތުގައި ކެންޑިޑޭޓުންނާއި އެކީ މަސައްކަތް ނުކުރައްވާ ފަރާތްތައް ހަމަޖެއްސުމަށް ހަސަން ވަނީ އެދިވަޑައިގެންފައެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު އޮތީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

