ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރި މީހުންގެ ޝަކުވާތައް ހުށަހަޅަން ހުޅުވާލައިފި
ނިމިދިޔަ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ، ނުވަތަ ނުޙައްޤުން ފިޔަވަޅު އަޅައިފައިވާ މުވައްޒަފުން، އެފަދަ ޝަކުވާތައް ހުށަހެޅުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެފަދަ ފަރާތްތަކުން ޝަކުވާ ހުށަހަޅާނީ އެކަމަށް ޚާއްސަ ކުރެވިފައިވާ ފޯމަކުން ކަމަށެވެ. މި ފޯމް ހުށަހަޅުއްވާނީ، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ޝަކުވާ ހުށަހަޅާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެކަމަށާއި، ކުރީގެ ސަރުކާރުން ސިޔާސީ ސަބަބުތަކަށްޓަކައި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުން ވަޒީފާއިން ވަކިކޮށް ނުވަތަ ފިޔަވަޅު އަޅާފައިވާ މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ޚާއްސަ ކޮމެޓީއެއް އުފައްދާފައިވާ ކަމަށެވެ.
ނުހައްޤުން ވަޒީފާއިން ވަކިކޮށް، ނުވަތަ ފިޔަވަޅު އަޅާފައިވާ މުވައްޒަފުންނަށް އިންސާފު ހޯދައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވަޢުދެކެވެ.

