އަލީ ވަހީދުގެ ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ހިފަހަށްޓަން އެދުމަކީ ކަމަކަށް ކަމެއް ކުރުން – ހައިކޯޓް
އަލީ ވަހީދުގެ ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ހިފަހަށްޓަން އެދުމަކީ ކަމަކަށް ކަމެއް ކުރުން ކަމުގައި ހައިކޯޓުން ބުނެފިއެވެ.
ހައިކޯޓުން ކުރި ހުކުމެއްގައި މިއަދު އެހެންބުނެފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހަށްޓައިދިނުމަށް ކޯޓްގައި ފުލުހުންގެ ފަރާތުން އެދުމުގެ މައްސަލައިގައި ކުރިހުކުމުގައެވެ.
ހުކުމުގައި ވަނީ އަލީގެ ޑިޕްލޮމެޓިކް ޕާސްޕޯޓް މިދިޔަ އަހަރުގެ އޮގަސްޓް މަހު ކެންސަލް ކޮށްފައި ވަނިކޮށް، އޭނާގެ އަމިއްލަ ޕާސްޕޯޓް ހިފަހައްޓަން އެދުމުގެ ބަދަލުގައި، ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން ފުލުހުން އެދުނު އެދުމަކީ “ކަމަކަށް ކަމެއް ކުރުމުގެ ގޮތުން” ކޮށްފައިވާ ކަމެއް ކަމަށެވެ. މި ކަމުގައި ދައުލަތުން އެކަށީގެންވާ ގޮތެއްގައި ޒިންމާ އަދާކޮށްފައި ނުވާ ކަމަށާއި އެކަމުގެ ސަބަބުން ކޯޓުގެ މަސައްކަތްތަކަށް ހުރަސް އެޅޭ ކަމަށްވެސް ހުކުމުގައި ބުންޏެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ފުލުހުން އެދިފައި އޮތީ އަލީ ވަހީދު މިނިސްޓަރަކަށް ހުންނެވިއިރު ދޫކޮށްފައި އޮތް ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކަމަށެވެ. އެކަމަކު އެއީ އޭނާ މިނިސްޓަރު ކަމުން ވަކިކުރުމުން ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ކަމަށާއި އަލީ ރާއްޖެ އިން ބޭރަށް ވަޑައިގަތީ އަމިއްލަ ޕާސްޕޯޓުގައި ކަމަށެވެ.
އެހެންވެ، ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން އަމުރު ނުދެވޭނެ ކަމަށް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
މިއަދު ހައިކޯޓުން އިއްވި މިހުކުމާއި ގުޅިގެން ގިނަފަރާތްތަކަކުން އަންނަނީ މިކަމާމެދު ފާޑުކިޔަމުންނެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި އަލި ވަހީދުގެ ކޭސް މިހާރު އެދަނީ ދައުލަތުން ކުޅޭ ތަމްޞީލެއް ގެ ގޮތުގައެވެ.

