މިހާރު ދެން ކާކަށް އިތުބާރު ކުރާނީ ؟
” މިހާރު ދެން ކާކަށް އިތުބާރު ކުރާނީ ؟ ” މިއީ މިހާރަކަށް އައިސް ވަރަށް ގިނަ ބަޔަކު އެކަކު އަނެކަކަށް ކުރަމުންދާ ސުވާލެކެވެ. އަދި އެކަކު އަނެކަކަށް ބުނަމުންދާ ބަހެއްވެސް މެއެވެ.
އާއެކެވެ. ދުނިޔޭގެ ޒީނަތަށް ހެއްލި އެތައް ބައެއްގެ އުޅުމާއި ގުޅުމަށް އަންނަނީ ތަފާތު ބަދަލުތައް އަންނަމުންނެވެ. ދުނިޔެ ޒީނަތްތެރި ތަނަކަށްވެ، ދުނިޔޭގެ ވަގުތީ އަރާމާއި ލައްޒަތައް ހެއްލި، ޖިންނީންނާއި އިންސީންގެ ތެރެއިންވާ ޝައިޠާނުންގެ ދަންތުރާގައި ޖެހި އިސްލާމީ ރިވެތި އުޞޫލުތަކާއި ގުޅުންތައް ދަނީ ދުވަހެއް ދުވަހަކަށް ހީނަރުވަމުންނެވެ.
މީހުންގެ އަބުރާ ޢިއްޒަތް ވެއްޔާއި މޮޑެލަން ނަގަނީ މަދު ސިކުންތުކޮޅެކެވެ. އެފަދަ ކަމެއް ކުރަން އުޅޭއިރު، ހިތަށް ބިރުވެރިކަމުގެ ކަންފުޅެއްވެސް ވަދެގެން ނުދެއެވެ. ތިމާއަށް މިކުރެވެނީ ކިހާވަރެއްގެ ކަމެއްތޯ އާއި މިކަމުގެ ސަބަބުން ނުކުމެގެންދާނެ ނަތީޖާއަކީ ކޮބައިތޯ ބަލާލުމެއްވެސް ނެތެވެ. އަދި އިވޭ ކޮންމެ ވާހަކައެއްގެ ތެދު ދޮގު ބަލާލުމެއް ނެތި ފަތުރާލުމަކީ ވަރަށް އާދައިގެ ގަޓުކަމަކަށް މުޖުތަމަޢުގެ ތެރޭގައިވަނީ މިއަދު މިވަނީ ވެފައެވެ.
މީހުންގެ ބޮލުގައި އެކިއެކި ތުހުމަތުތައް އަޅުވަމުންދަނީ އެއްވެސް ކަހަލަ ޙުއްޖަތެއް ނެތިއެވެ. މީހަކު ނުވަތަ ބަޔަކު ދައްކާލާ ވާހަކައަކުން، އެކަމުގެ ދެކޮޅު ބެލުމެއްނެތި، ކޮންމެ ފަދަ ތުހުމަތެއްވެސް އެޅުވުމަކީ މިއަދު ބައެއްގެ އުފަލަކަށްވަނީ ވެފައެވެ.
މިދެންނެވުނު ނޭއްގާނީ ޢަމަލުތަކުގެ ސަބަބުން، މުޖުތަމަޢުގައި އެތައް ބައެއްގެ އިޙްތިރާމާއި ޤަދަރާއި ލޯބި ލިބިފައިވާ އެތައް ބައެއްގެ އަބުރާ ޢިއްޒަތް ވެއްޔާއި މޮޑެވި، މުޖުތަމަޢުގެ އެތައް އަފުރާދުންނެއް އެފަދަ މީހުންނަށް ކުރަމުން އައި އިތުބާރާއި މެދު އެމީހުންގެ ހިތުގައި ސުވާލު އުފައްދަން ފަށައެވެ. ތިމަންނާމެން ދެން އިތުބާރު ކުރާނީ ކާކަށް ބާވައޭ؟ ހިތާ ހިތާ ސުވާލުކުރަން ފަށައެވެ.
އެ ސުވާލުގެ ޖަވާބު ތިރީގައި އެވަނީއެވެ. ތިރީގައި މިވާ ގޮތަށް ޢަމަލު ކުރުމުން މި ދެންނެވުނު ސުވާލުގެ ޖަވާބު ލިބި، މީހުންނާއިމެދު ޢަމަލުކުރަންވީ ގޮތް އެނގި ސާފު ވެގެންދާނެއެވެ.
އުއްމަތުގެ ދެވަނަ ޚަލީފާ އަދި އަމީރުލް މުއުމިނީން ޢުމަރު ބިން ޚައްޠާބު رضي الله عنه ވިދާޅުވެފައިވެއެވެ.
“….. އަހުރެމެން މީހުންނާއިމެދު ޙުކުމް ކުރަނީ، މީހުންގެ ބޭރު ފުށުން ފެންނަ ރަނގަޅު ޢަމަލުތަކަށް ބަލައިގެންނެވެ. އަހުރެމެން އެމީހަކަށް އިތުބާރު ކުރާނަމެވެ. އަދި އަހަރުމެންގެ ކުރިމަތީ ރަނގަޅު ޢަމަލުތައް ކުރާ މީހުންނާއި ދޭތެރޭ ހެޔޮކޮށް ކަންތައްވެސް ކުރާނަމެވެ. އަދި އަހުރެމެން އެމީހަކަށް އޭނާ ސިއްރުން ކުރާ ކަންތައްތައް ފައުޅުކުރުމަކަށް (ބުނެދޭކަށް) ނުބުނާނަމެވެ. އެހެނީ އެމީހެއްގެ ހިތުގައި ފޮރުވިފައިވާ ކަންތަކަށް ޙުކުމް ކުރައްވާނީ ﷲ އެވެ. އެހެންނަމަވެސް، އޭނާގެ ނިޔަތް ނުވަތަ ބުނާ ބުނުން ކިތަންމެ ރަނގަޅަސް އަހުރެމެންގެ ކުރިމަތީ ފައުޅުކަން ބޮޑުގޮތެއްގައި ގޯސް ޢަމަލުތަކަށް ގޮވާލާއި އެފަދަ ކަންކަން ކުރާ މީހުންނަކަށް އަހަރުމެން އިތުބާރެއް ނުކުރާނަމެވެ.” [ބައްލަވާ: ޞަޙީހުލް ބުޚާރީ 2641]
އާދެ! ޢުމަރު ބިން ޚައްޠާބު رضي الله عنه ގެ މި ބަސްފުޅުންވެސް އަޅުގަނޑުމެންނަށް އެ ސުވާލުގެ ޖަވާބު ލިބިއްޖެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މީހަކު ނުވަތަ ބަޔަކު ހަމަ ތިބެފައި އެއްވެސް ޙުއްޖަތެއްނެތި ދައްކާލާ ވާހަކައަކުން ތިމާގެ ހިތުގައި އަނެކާއަށް ދީފައިވާ ޤަދަރާއި ލޯތްބާއި އިޙްތިރާމު މަދު ސިކުންތުކޮޅެއްގެ ތެރޭގައި ނަގާ ނުލާށެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މީހުންގެ އަބުރާއި ޢިއްޒަތް ވެއްޔާއި މޮޑެލުމަކީ މިއަދަކު އަލަށް ފެށިގެން އުޅޭކަމެއްވެސް ނުމެ ނޫންމެއެވެ. އެކަން ތާރީޚުންވެސް ހެކިދެއެވެ.
އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ﷺ ގެ އަނބިކަނބަލުން އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ އާއި ބެހޭގޮތުންވެސް މުނާފިޤުން ފަތުރާލި ވާހަކަ އެކަމުގެ ފިލާވަޅަކަށް ފުދެއެވެ. އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އިސްތަށިފުޅުގައި ޤަޛުފުގެ ނުބައި ތުހުމަތު އަޅުވައި އެވާހަކަ ފެތުރުމުގެ ސަބަބުން ޚުދު ރަސޫލުﷲ ﷺ އަށްވެސް އެކަމުގެ އަސަރު ނުހަނު ބޮޑަށް ކުރެއްވިކަމީ އެ ޙާދިޘާއިން ދޭހަވެގެންދާ ކަމެކެވެ.
އަދި ހަމަ އެހެންމެ، ޔޫސުފް ޢަލައިހިއްސަލާމް އާއި ބެހޭގޮތުންވެސް ފަތުރާލި ވާހަކަތަކުގެ ސަބަބުން އެކަލޭގެފާނު ހުރަގޭގައި ބަންދުވާން ޖެހުނު ޙާދިސާއަކީވެސް އަޅުގަނޑުމެންނަށް މީހުންގެ އަބުރާއި ޢިއްޒަތް ވެއްޔާއި މޮޑެލުމަށް ކުރެވެމުންދާ މަސައްކަތްތަކަކީ އޭރުވެސް ކުރެވެމުންދިޔަ ކަންކަން އެނގިގެންދާ ޙާދިސާއެކެވެ. ޔޫސުފް ޢަލައިހިއްސަލާމު އެކަނބުލޭގެ އެދުނު ކަންތައް ފުއްދައިނުދިނުމުގެ ސަބަބުން އެކަމާއި ހިތްހަމަނުޖެހި އެކަލޭގެފާނުގެ އިސްތަށިފުޅުގައި ފާޙިޝް ޢަމަލެއްގެ ތުހުމަތު އެޅުވީއެވެ. މިވާހަކަ ވަރަށް ތަފްޞީލުކޮށް ކީރިތި ޤުރްއާނުގެ ޔޫސުފް ސޫރަތުގައި ބަޔާންވެގެން އައިސްފައިވެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދަ ޙާދިސާތަކުން ދޭހަވެގެންދަނީ މީހަކާއި މެދު ނުވަތަ ބަޔަކާއިމެދު މީހަކު ނުވަތަ ބަޔަކު ހިތްހަމަ ނުޖެހުމަކީ ނުވަތަ ޙަސަދަވެރިވުމަކީ މީހެއްގެ ނުވަތަ ބައެއްގެ ބޮލުގައި ކޮންމެ ފަދަ ތުހުމަތެއްވެސް އަޅުވަފާނެކަމެވެ.
އެހެންކަމުން އަޅުގަނޑުމެންނަށް އެންމެ ރައްކާތެރިގޮތަކީ އަދި ޢަމަލުކުރުން އެންމެ މޮޅު އިތުރު ރަނގަޅުގޮތަކީ ޢުމަރު ބިން ޚައްޠާބު رضي الله عنه ވިދާޅުވެފައިވާ ފަދައިންކަން ދަންނާށެވެ. އޭރުން އެހެންމީހުންނާއި ދޭތެރޭ އަޅުގަނޑުމެންގެ ހިތް ސާފުވެ އެކުވެރިކަމާއި އިތުބާރާއެކު އުޅެން ދަސްވާނެއެވެ.
ދަންނާށެވެ. ގިނަފަހަރު ތެދަށްވުރެ ބާރަށް ދޮގު ފެތުރެއެވެ. އަދި މީސްތަކުން އެ ޤަބޫލުވެސް ކުރެއެވެ.
