ޚަބަރު

އަލީ ވަހީދު ހައްޔަރުކުރިވާހަކަ އެއްވެސް ފަރާތަކުން ނާންގާ : ފުލުހުން

ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ހައްޔަރުކުރިކަމުގެ މައުލޫމާތު ލިބިފައިނުވާކަމަށާއި، އެއްވެސް ފަރާތަކުން ފުލުހުންނަށް އެކަން އަންގާފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވެފައި މިވަނީ އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނަވައި ނޫސްކޮންފަރެންސްއަކަށް ތައްޔާރުވެ ވަޑައިގަންނަވަމުން ދަނިކޮށް ހައްޔަރުކޮށްފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާ ދަނޑިވަޅެއްގައެވެ.

ފުލުހުން ވިދާޅުވީ އަލީ ވަހީދު ހައްޔަރުކުރިކަމުގެ މައުލޫމާތެއް ފުލުހުންނާއި ގުޅޭ އެއްވެސް ފަރާތަކުން ހިއްސާކޮށްފައިނުވާކަމަށެވެ. އަދި އެފަދަ މައުލޫމާތެއްވެސް ފުލުހުންނަށް ލިބިފައިނުވާކަމަށެވެ.

ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާ ގޮތުގައި އަލީ ވަހީދު ހައްޔަރުކޮށްފައިވަނީ މިއަދު ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ތައްޔާރުވަމުންދަނިކޮށެވެ.

ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ ގޯނާގެ ދައުވާތަކެއް ކޯޓުގައި އުފުލާފައެވެ. އަދި އެމައްސަލަތައް އޮންލައިންކޮށް ކުރިއަށްގެންދިއުމާއި ގުޅޭގޮތުން ސުޕްރީމްކޯޓުގައި އޮތް ޝަރީޢަތަކަށް އޭނާ ހާޒިރުނުވި މައްސަލައިގައި، ކޯޓު ހުރުމަތް ކަނޑައިގެން ވަނީ 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އަދި އެ ހުކުމް ތަންފީޒުކުރުމަށް ސުޕްރީމް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ވަނީ ހުކުމް ތަންފީޒުކުރުމަށް އަލީ ވަހީދު ރާއްޖެ ގެނައުމަށް ފުލުހުންގެ ކިބައިން އެދިފައިވާކަމަށެވެ.

ފުލުހުން ވަނީ އަލީ ވަހީދު ރާއްޖެ ގެނައުމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމަށް ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close