ޚަބަރު

ޗެއާޕާސަން އިންތިހާބަކީ ވަޒީރެއްގެ ދޮޅު އަހަރުގެ މުއްދަތުގައި ލިބެން އޮތް ތަރައްގީއާ ގުޅިފައިވާ އިންތިހާބެއް ނޫން: އިންތި

އެމްޑީޕީ ޗެއާޕާސަން އިންތިހާބަކީ ވަޒީރެއްގެ ދޮޅު އަހަރުގެ މުއްދަތުގައި ލިބެން އޮތް ތަރައްގީއާ ގުޅިފައިވާ އިންތިހާބެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ށ. ބިލެއްފަހީގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ ތަރައްގީއާ ގުޅެނީ މި ޕާޓީއަށް ރަނގަޅު ޗެއާޕާސަނެއް ހޮވައިގެން, އަލުން އިތުބާރު އުފައްދައިގެން އަދި އުއްމީދު އުފައްދައިގެންކަމުގައެވެ.

އިންތި އިތުރަށް ވިދާޅުވީ ރާއްޖެ ގެނަންނަން ނިންމި ވެންޓިލޭޓަރުތައް ލިބިފައިވާ ނުވާ ކަމަށެވެ. ދިވެހި ރައްޔިތުންގެ ބައިތުލްމާލުން އެތައް މިލިއަން ފައިސާއެއް އެކަމަށްޓަކައި ގެއްލިގެން ހިނގައްޖެކަން ފާހަގަކުރައްވަމުން އިންތި ވިދާޅުވީ އެކަން ބޮޑު ކަމަކަށް ވެގެން އުޅޭތަނެއް ނުފެންނަ ކަމަށެވެ.

“ފައިސާތަކެއް، އެތައް މިލިއަނެއް ތިބޭފުޅުންގެ ބައިތުލްމާލުން ގެއްލި ހިނގައްޖެ. މިއީ ބޮޑު ކަމަކަށް މިވަގުތު ވާތަނެއް ނުފެނޭ. އެހެންވީމަ އަޅުގަނޑުމެން ކަންބޮޑުވަނީ” އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ އޭނާގެ ކެމްޕެއިން ޓީމުގައި އިސްކޮށް އުޅުއްވާ ފަރާތްތައް ފިޔަވާ ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ ވާހަކަ ދައްކާ އަޑު ނީވޭ ކަމަށެވެ. ވައްކަން ވަރިހަމަވާ ޕާޓީއަކަށް އެމްޑީޕީ ނުވުމަށްޓަކާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އޭނާ އިންތިހާބު ވާންޖެހޭ ކަމަށް އިންތި ވިދާޅުވިއެވެ. އެމްޑީޕީ ޗެއާޕާސަން އިންތިހާބަކީ ވަޒީރެއްގެ ދޮޅު އަހަރުގެ މުއްދަތުގައި ލިބެން އޮތް ތަރައްގީއާ ގުޅިފައިވާ އިންތިހާބެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންތި ވިދާޅުވީ އެމްޑީޕީއަކީ ވަރަށް ގިނަ ބައެއްގެ މަސައްކަތް ކަމަށާއި މިއަދު މިހުރި ހިސާބަށް ވެސް އާދެވިފައި ވަނީ އެތައް ބައެއްގެ ގުރުބާނީއެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް ހިތާމައަކީ ބަޔަކު މީހުން “ގަސްދުގައި” އެޕާޓީ ބައިބައި ކުރުމަށް މަސައްކަތް ކުރަމުން ގެންދާތީ ކަމަށާއި އެކަމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް އިންތި ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close