ރިޒުޤު ހޯދުމަށްޓަކައި މަސައްކަތްކުރުމަކީ މާތް ﷲ ގެ މަގުގައި ކުރެވޭ ޖިހާދެއް – ޚުޠުބާ
އެމީހެއްގެ ރިޒްޤު ހޯދުމަށްޓަކައި މަސައްކަތް ކުރާ މީހަކީ، މާތް ﷲގެ މަގުގައި ޖިހާދު ކުރާ މީހެއް ފަދަ މީހެއްކަމަށް މިއަދު ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
މިކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ ”ތެދުވެރިކަމާއެކު ރިޒްޤު ހޯދަން އެދޭ މީހާ، އެކަމަށްޓަކައި ހިއްމަތްތެރިކަމާއެކު މަސައްކަތް ކުރަން ޖެހޭނެއެވެ. އެމީހެއްގެ ކިބައިން ކަންނެތްކަން ފުހެލަން ޖެހޭނެއެވެ. ދުވަހަކު ވެސް، އުޑަކުން ރަނާއި ރިއްސެއް ނުވެއްސަވާނެތެވެ. އެމީހެއްގެ ރިޒްޤު ހޯދުމަށްޓަކައި މަސައްކަތް ކުރާ މީހަކީ، މާތް ﷲގެ މަގުގައި ޖިހާދު ކުރާ މީހެއް ފަދަ މީހެކެވެ. ރިޒްޤު ހޯދުމަށްޓަކައި، ޙައްޤު ގޮތުގައި މަސައްކަތް ކުރާ މީހާއަށް މާތް ﷲ ބަރަކާތް ލައްވާނެތެވެ. އޭނާ އޭނާގެ އުއްމީދުތަކާ ހަމައަށް ވާޞިލުކޮށް ދެއްވާނެތެވެ. މަސައްކަތެއް ނުކޮށް ދިރިއުޅުމުގައި އެހެން މީހުންނަށް ބަރޯސާވާ މީހަކަށް ނުވެ މަސައްކަތްކުރާ މީހަކަށް ވާށެވެ! “
ހެނދުނު ވަގުތުގެ ބަރަކާތާއި ގުޅޭގޮތުން ޚުތުބާގައި ވިދާޅުވީ “ ރޭގަނޑު ހޭލައި ތިބެފައި، ފަތިހުގެ ވަގުތުގައި ނިދާމީހުންނަށް، ދެ ޣަނީމާއެއް ގެއްލިގެން ދާނެއެވެ. ފުރަތަމަ ޣަނީމާއަކީ، ފަތިސް ނަމާދެވެ. ދެވަނަ ޣަނީމާއަކީ، ދުވާލު ފެށޭ ވަގުތުގެ ބަރަކާތެވެ. އެކަމުގެ ސަބަބުން އޭނާގެ ރިޒްޤުން ބަރަކާތް ކެނޑިގެން ދާނެއެވެ. މާތް ﷲ އޭނާގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ޙައްޤު އަދާ ނުކުރާ މީހާއަށް، އެ ދުވަސް އަބާއްޖަވެރި ދުވަހަކަށް ވާނެއެވެ. ރަސޫލާ އަކީ ވަނީ މި ވަގުތުގައި އެކަލޭގެފާނުގެ އުއްމަތަށް ބަރަކާތް ލެއްވުން އެދި ވަޑައިގެން ދުޢާ ކުރައްވާފައެވެ.“
