ޚަބަރު

ފްލެޓް ލިބުމުންވެސް ސަލާމަތެއްނެތް، މާދަމާ މަގުމައްޗަށް ނުކުންނަނީ

ރައީސް ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ފޭސް 2 އިން ފްލެޓް ލިބުނު މީހުންނަށް ފްލެޓް ލިބުމުންވެސް ސަލާމަތެއް ނެތެވެ. ސަރުކާރަށް ޕްރެޝަރ ކުރުމުގެ ގޮތުން އިހްތިޖާޖް ކުރަން މަގުމައްޗަށް ނުކުތުމަށް ނިންމައިފިއެވެ.

ފްލެޓް ލިބުނު މީހުން ޑިމާންޓް ކުރާ ބޮޑެތި ގިނަ ކަންތައްތަކެއް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ކަންފަތްޕުޅާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި “ފުރަތަމަ ނުކުތުން”ގެ ނަމުގައި މާދަމާ މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރަން ތައްޔާރު ވަމުންދާއިރު ހިޔާ ޔޫނިއަން އިން ބުނީ އެ ހަރަކާތް އޮންނާނީ މާދަމާ މެންދުރު 2:30 އިން ހަވީރު 5:00 އަށް ކަމަށެވެ.

އަދި މާދަމާގެ އިޙްތިޖާޖްގައި މީހުން އެއްވާނީ ހުޅުމާލޭ ފޭސް ދޭއްގެ އެޗް8 އާއި އެޗް12 އާ ދެމެދުގެ މަގަށް ކަމަށްވެސް ހިޔާ ޔޫނިއަން އިން ވަނީ ބުނެފައެވެ.

މާދަމާގެ އެހަރަކާތުގެ ކުލައެއްގެ ގޮތުގައި ހިޔާ ޔޫނިއަން އިން ކަނޑައަޅާފައިވަނީ ހުދު އަދި ފެހި ކުލަ އެވެ.

“”ފުރަތަމަ ނުކުތުން” ނަމުގައި މާދަމާ މަގުމައްޗަށް ނުކުތުމަށް ނިންމާފައިވާއިރު “ފަހުގެ އާދޭސް” ގެ ނަމުގައި ހިޔާ ޔޫނިއަން އިން ވަނީ މީގެ ކުރިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިމޭން އިހުތިޖާޖެއް ވެސް ކޮށްފައެވެ.

މީގެ ކުރިންވެސް ހިޔާޔޫނިއަނުން ސަރުކާރަށް ޑިމާންޑް ކުރަމުން އައިކަންކަން މާދަމާގެ އިޙްތިޖާޖްގައިވެސް ފާހަގަކުރާނެއެވެ. އެގޮތުން ހިޔާ ފްލެޓްގެ އަސާސީ ކުލި 5،600 އަށް ކުޑަ ކުރުމަށާއި، ފިނިޝިން މަސައްކަތް ކުރެވޭނެ ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށާއި މަހު ކުލި 5،500 ރުފިޔާއަށް ކުޑަކޮށް ދިނުމުގެ އިތުރުން ޕެންޝަން ފަންޑުން ޑައުން ޕޭމަންޓާއި ފިނިޝިން މަސައްކަތަށް ފައިނޭންސް ކުރެވޭ ގޮތް ހަމަޖައްސައި ދިނުމަށް މާދަމާވެސް ސަރުކާރަށް ގޮވާލާނެއެވެ.

މީގެ އިތުރުންވެސް ފިނިޝިން މަސައްކަތް ނިންމުމަށްޓަކައި ކުލި ނުހިނގާ މުއްދަތު ތިން މަހުން 12 މަހަށް އިތުރުކޮށް ދިނުމާއި ފިނިޝިން މަސައްކަތް ރައްޔިތުން އަމިއްލައަށް ކުރަން ޖެހޭތީ، ޖުމުލަ ކުލިން އެއްލައްކަ ރުފިޔާ މައާފު ކޮށްދިނުމުގެ އިތުރުން ފްލެޓަށް ދިރިއުޅުން ބަދަލު ކުރާއިރު، ފްލެޓުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވައި ދިނުމަށް ވެސް މާދަމާގެ އިހްތިޖާޖްގައި ސަރުކާރަށް ގޮވާލާނެކަމަށް މަޢުލޫމާތު ލިބެއެވެ.

ހިޔާ ޔޫނިއަނުން ޑިމާންޑް ކުރާ ކަންކަން ހިމަނައިގެން މިދިޔަ ޖޫން 1 ވަނަދުވަހު ވަނީ ސަރުކާރަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close