ޚަބަރު

ކުރިޔަށް އޮތް 3 ދުވަހު މޫސުމަށް ސަމާލުވާން އަންގައިފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް 3 ދުވަހު، (އޮގަސްޓު 13، 14 އަދި 15ގައި) ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެން ދާނެކަމަށް ލަފާކުރެވޭކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ނެރުނު ސަމާލު މެސެޖުގައި ބުނެފައިވަނީ މިދުވަސް ތަކުގައި ބައެއް ސަރަހައްދުތަކަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާކަމަށެވެ.

“އާންމުކޮށް ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް ދަންނަވަން”

މެޓް އޮފީހުގެ މެސެޖުގައި ބުނެފައިވެއެވެ.

މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތައް ބަލާލާއިރު ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ، މީގެއެތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރެވެހުން އެކަށީގެންވެ އެވެ. އުތުރާއި މެދުރާއްޖެތެރޭ ބައެއް ރަށްތަކަށް ވިއްސާރަކުރާނެ އަދި ގުގުރުން އެކަށީގެން ވެއެވެ.

ހުޅަނގާއި ހުޅަނގުއުތުރުން، އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.

އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް މަޑުވާނެ، ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ އެވެ.

ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ 3 – 7 ފޫޓު ގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close