އަޅުގަނޑު ކޮމްޕްރޮމައިސްވާފަދަ އެއްވެސް ލިޔުމެއް ޢަލީ ވަޙީދު އަތަކު ނޯންނާނެ – ރައީސް ޞާލިޙު
އަޅުގަނޑު ކޮމްޕްރޮމައިސްވާފަދަ އެއްވެސް ލިޔުމެއް އަދި އެއްވެސް އެއްޗެއް ޢަލީ ވަޙީދު އަތުގައިވެސް އަދި އެއްވެސް ބޭފުޅެއްގެ އަތްޕުޅަކު ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙު މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަޙީދާމެދު ތަފާތުކޮށް ކަންކުރަނީ ރައީސް ޞާލިޙު ކޮމްޕްރޮމައިސްވާފަދަ އެއްޗެއް އަލީ ވަހީދުގެ އަތްޕުޅުގައި އޮތުމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވާތީ އެކަމާމެދު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ކޮމްޕްރޮމައިސްވާނެ ފަދަ ލިޔުމެއް އެއްވެސް ބޭފުޅެއްގެ އަތްޕުޅުގައި ނޯންނާނެކަން އެއީ ޔަޤީން ކަމެއް ކަމަށެވެ. އަދި އެކަމުގެ ޔަޤީންކަން ދެއްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަލީ ވަޙީދުގެ މައްސަލާގައި ކަން ހިނގި ގޮތުގެ ވާހަކަ ފާހަގަކުރައްވަމުން ރައީސް ޞާލިޙު ވިދާޅުވީ އަލީ ވަޙީދުގެ ޝަކުވާ ލިބިވަޑައިގަތުމުން އޭނާގެ ޝަކުވާއާއެކު އައި ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ކުދިން ކިޔައިދިން ވާހަކަތަކުގެ އަލީގައި އަލީ ވަހީދު ވަކިކުރަން ޖެހިއްޖެކަން އެނގިވަޑައިގަތުމުން ނިންމަވަންޖެހޭ ނިންމެވުން ނިންމެވި ކަމަށެވެ.
އަދި އެމަނިކުފާނު ކުރެއްވި ކަމަކީ އަލީ ވަހީދު މަޤާމުން ވަކިކުރެއްވުމަށްފަހު، އެ މައްސަލަ ބެލުމަށް ފުލުހުންނަށް އެންގެވި ކަމަށެވެ. އަދި މިހާރު ފުލުހުން އެ މައްސަލަ ތަހުގީގުކޮށް ޕީޖީއަށް ފޮނުވި ކަމަށާއި، ފޮނުވުމުން އެ މައްސަލާގައި ދައުވާ އުފުލާފައިވާ ކަމަށާއި، މިހާރު އެ މައްސަލަ އޮތީ ކޯޓު މަރުހަލާގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނަށް ޝަރީޢަތުގެ މަރުހަލާއަށް ނުފޫޒު ނުފޯރެއްވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހުރިހާ މަރުހަލާއެއްގައިވެސް ކަންކަން ހިނގަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން ބައްލަވާނެ ކަމަށެވެ.

