ޚަބަރު

މާފަރު ކައުންސިލް ތަފާތު ، މިފަހަރުވެސް ރާއްޖެއަށް މުޅިން އައު ޕްރޮގްރާމެއް

ނ.މާފަރުގައި އިންތިޚާބުވި އައު ކައުންސިލަކީ ވަރަށް ތަފާތު ، މުޅިން އައު ވިސްނުންތަކާއެކު ކުރިއަށްދާ ކައުންސިލެކެވެ. މިފަހަރު މި ފެށި ޕްރޮގްރާމަކީވެސް ރާއްޖޭގެ އެހެން ކައުންސިލްތަކަށް މުޅިން އައު ކަމެކޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.

ޕޮލިޓެކްނިކާއި މާފަރު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާ މި ޚާއްޞަ ޕްރޮގްރާމްގައި ކޯސްތަކެއް ހިންގަން މިވަނީ ހަމަޖެހިފައެވެ.

ކޯހުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް މަހަކު 2000 ރުފިޔާގެ އެލަވަންސް އެއް ލިބޭގޮތަށް، ރަށުގައި ހުރެގެން ހިލޭ ކިޔެވުމުގެ ފުރުޞަތު މާފަރު ކައުންސިލުން ހުޅުވާލައިފައިވާއިރު، ދެ ކޯހެއް މިހާރުވެސް ވަނީ އިޢުލާންކޮށްފައެވެ.

އެއީ، ނެޝަނަލް ސެޓްފިކެޓް 3 އިން ގެސްޓް ހައުސް އޮޕަރޭޝަންސް އާއި، ނެޝަނަލް ސެޓްފިކެޓް 3 އިން ފްރޮންޓް އޮފީސް ސާރވިސް އެވެ.

މާފަރު ކައުންސިލްގެ ރައީސް މުޙައްމަދު އަދުނާން ވިދާޅުވީ، ރަށުގައި ހުރެގެން ހިލޭ ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމުގެ ވަޢުދަކީ މި ސަރުކާރުގެ ވަޢުދެއް ކަމަށާއި، އެގޮތުން މިއީ މާފަރު ކައުންސިލްގެ 4 ވަނަ ދައުރުގެ އިންތިހާބީ ވަޢުދުގެ ތެރޭގައިވެސް ހިމެނޭ ކަމެއް ކަމަށެވެ.

“އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިއީ ވަރަށް ބޭނުންތެރި ފުރުޞަތެއް. މާފަރުގައި އޮތް އިންޓަރނޭޝަނަލް އެއާރޕޯޓާއި އެކު، ގެސްޓްހައުސް، އަދި ފްރަންޓް އޮފީސްގެ ދާއިރާ އަކީ ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ ދެ ދާއިރާ. ކުރިއަށް އޮތް ހަފްތާގައި އިތުރު ދެ ކޯހެއްވެސް އެބަ އިޢުލާން ކުރަން. އެއީ އެއާރކޮންޑިޝަން އާއި ގުޅޭ ކޯހަކާއި ކަރަންޓް ވަޔަރިން އާއި ގުޅޭ ކޯހެއް. މި ކޯސްތައްވެސް ހަމަ ހިލޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ. ދެން އަޅުގަނޑުގެ އެންމެ ބޮޑު ބޭނުމަކީ މި ފުރުޞަތުގެ ބޭނުން ހުރިހާ ބޭފުޅުންވެސް ހިފުން” މުޙައްމަދު އަދުނާން ވިދާޅުވިއެވެ.

ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ މިމަހުގެ 22 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައެވެ.

ކައުންސިލުންބުނީ  ބައިވެރިވާ ހުރިހާ ކުދިންނަށް ފުރުޞަތު ދިނުމަށް މާފަރު ކައުންސިލުން ނިންމާފާވާ ކަމުގައެވެ. މިކޯސްތަކުގެ މުއްދަތަކީ 6 މަސްދުވަހެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close