ޚަބަރު

ސީޕީ ވަޙީދުވެސް ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށްފި

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދުވެސް ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.

ސީޕީ ވަހީދު ކޮމިޝަނަށް ހާޒިރުކުރީ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގެ ތަހުޤީޤަށްކަން ވަނީ އެނގިފައެވެ.  

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހުސައިން ވަހީދު ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ މިދިޔަމަހުގެ އެކި ދުވަސްތަކުގެ މަތިންނެވެ. އަދި އޭނާ ކޮމިޝަނަށް ހާޒިރުކުރީ ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅިކަމުގެ ތުހުމަތުގައިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރިލްވާން ގެއްލުނުއިރު، ހުސައިން ވަހީދަކީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ބޭފުޅާއެވެ. ރިލްވާން ގެއްލުނު މައްސަލައިގައި އޭރުގެ ސީޕީ ރިޔަސީ ކޮމިޝަނަށް ހާޒިރުކުރިއިރު، ރިލްވާންގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުވެސް މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށްވެސް ތުހުމަތުކުރަނީ ތަހުޤީޤަށް ހުރަސް އެޅިކަމުގެ ތުހުމަތެވެ. ރިޔާސީ ކޮމިޝަނުން ވިދާޅުވީ އެ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު ތަކުރާރުކޮށް އެރުވުމުންވެސް ރައީސް ޔާމީން ހުންނެވީ ހަނުކަމަށް ރިޔާސީ ކޮމިޝަނުން ވިދާޅުވެއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލިތާ 6 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މަރުގެ މައްސަލައަށް އިންސާފް ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ރިޟްވާން ގެއްލުވާލި މައްސަލަ ރިޔާސީ ކޮމިޝަނުން މިހާރު ތަހުޤީޤްކުރަމުންދަނީ ބޭރުގެ އިންވެސްޓިގޭޓަރެއްގެ އެހީއާއިއެކުކަމަށްވެސް އެކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close