މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ފުލުހުން ކުރިއަށްގެންދިޔަ ޕެޓްރޯލް ކުރުމުގެ ތެރޭގައި، މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ، އަބްދުﷲ އަފީފް (40އ) އާއި ތ. ތިމަރަފުށި، ސަފްވާން އަލީ (38އ) އެވެ. މި ދެ މީހުން ހުއްޓުވައި ބަލައިފާސްކުރީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ނިރޮޅުމަގުންނެވެ.
އެ މީހުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 10 ރަބަރު ޕެކެޓުގެ އިތުރުން، ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން 30,500 އަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި 190 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރު އެ މީހުންގެ އަތުން ފެނިފައިވެއެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަބްދުﷲ އަފީފް 7 ދުވަހަށް އަދި ސަފްވާން އަލީ 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


