ޚަބަރު

ކުޅުދުއްފުށީގައި އިތުރުބަޔަކު ޕޮޒިޓިވްވެ، އެކްޓިވް ކޭސްތައް ފަންސާހުން މައްޗަށް އަރައިފި

ކުޅުދުއްފުށިން އިތުރު ހަތް މީހަކު ޕޮޒިޓިވްވެ އެކްޓިވް ކޭސްތަކުގެ އަދަދު 51 އަރައިފި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ފަހުން ޕޮޒިޓިވްވެފައިވަނީ ކުރިން ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ 18 ފަރާތެއްގެ ސާމްޕަލް މިއަދު ނަގައި ޓެސްޓް ކުރުމުން ކަމަށެވެ.

ކުޅުދުއްފުށިން މިމަހު 24 ވަނަ ދުވަހު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ރޭގައިވެސް ކުޅުދުއްފުށިން ވަނީ 8 ސާމްޕަލެއް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން ދެ ސާމްޕަލްއަކީ ރެންޑަމް ސާމްޕަލެކެވެ. ބާކީ 6 ސާމްޕަލަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޕޮޒިޓިވްވެފައިވާ ސާމްޕަލްތަކެވެ. އަދި މިއަދުވެސް ވަނީ ދެފަރާތެއް ޕޮޒިޓިވްވެފަ އެވެ. އެއީ ރޭންޑަމް ސާމްޕަލަކާއި ކުރިން ޕޮޒިޓިވްވި ފަރާތަކާއި ކޮންޓެކްޓުވި ފަރާތެއް ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވެ އެވެ.

ކުޅުދުއްފުށި މޮނިޓަރިންނަށް ލާފައިވާ މި ދަނޑިވަޅުގައި ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ. މިހާރުވެސް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޭސްތަކުގެ އަދަދު މަތިވަމުން ދާއިރު، ހުރިހާ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ހޮސްޕިޓަލުގެ އިތުރުން ކައުންސިލުން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ. އެގޮތުން މާސްކު އެޅުމާއި، ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމާއި، ކޮންޓެކްޓް ބަބްލް ކުޑަ ކުރުމަށް މަސައްކަތް ކުރުމަށްވަނީ އެދިފަ އެވެ.

ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހި، އާންމު ދިރިއުޅުމުގެ ކަންތައްތަކަށް ބުރޫ އަރާ ހިސާބަށް ދިޔަ ނުދިނުމަށްޓަކައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޗްޕީއޭއިންނާއި ކަމުގެ މާހިރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ އިލްތިމާސްކުރައްވާފައެވެ.

(ކޭއޯ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close