ޚަބަރު

މާލެ ސިޓީ ގޭބީސީތަކުގެ ކަރަންޓު ބިލުތައް ބޮޑުވި މައްސަލަ ބަލަން ފަށައިފި

މާލެ ސިޓީ ގޭބީސީތަކުގެ ކަރަންޓު ބިލުތައް ބޮޑުވި މައްސަލަތައް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބަލަން ފަށައިފިއެވެ.

ކަރަންޓު ބިލުތައް މިމަހު ބޮޑުވެފައިވަނީ، މި މަހަކީ ސަރުކާރުން ހަމަޖެއްސި ކަރަންޓުގެ ސަބްސިޑީ ކަނޑާލި މަސްކަމަށްވާތީ ކަމަށް ލަފާ ކުރެވެއެވެ.

އެއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އޭގެ ސަބަބުން އެޅި ފިޔަވަޅުތަކާ ގުޅިގެން ދިމާވި އިގްތިސާދީ ތަދުމަޑުކަމުގައި ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަސަރު ކުރުމާ ގުޅިގެން ސަރުކާރުން ހަމަޖެއްސި ސަބްސިޑީއެކެވެ.

މާލެ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސްޓެލްކޯއިން ވެސް ބުނެފައިވަނީ، ގޭބިސީތަކުގެ ކަރަންޓު ބިލުގައި މައިގަނޑު ގޮތެއްގައި އައިސްފައިވާ ބަދަލަކީ ވެސް ސަބްސިޑައިޒްކޮށްފައިވާ ބައި އުނިކުރުމުން އައިސްފައިވާ ބަދަލެއް ކަމަށެވެ.

މި ޝަކުވާ ބޮޑުވުމާ ގުޅިގެން، ކަރަންޓުގެ ޚިދުމަތް ދެމުންދާ ފަރާތްތައް ރެގިއުލޭޓް ކުރަން އޮންނަ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ކުރި އިއުލާނެއް ގައި ބުނެފައިވަނީ ރަސްމީކޮށް އެ އޮތޯރިޓީއަށް އެއްވެސް ފަރާތަކުން މައްސަލަ ހުށަހަޅާފައި ނެތަސް އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

މާލެ ސިޓީގެ ކަރަންޓު ބިލުތައް މި މަހު ބޮޑު ވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މާލެ ސިޓީގެ ދާއިރާތައް ތަމްސީލް ކުރައްވާ ބައެއް މެންބަރުންނާއި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close