ޚަބަރު

ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށްވެސް ޢުމުރާ ހުއްދަ ލިބޭނެ

އުމްރާގެ އަޅުކަން އަދާ ކުރުމަށް ސައުދީ އަރަބިއްޔާއަށް އެތެރެވާ ބައިނަލްއަގުވާމީ އުމްރާވެރިން ޖަހާފައިވާ ކޯވިޑް-19 ވެކްސިންތަކުގެ ތެރޭގައި ކޮވިޝީލްޑް ނުހިމެނުނަސް އެ ވެކްސިން ޖަހާފައި މީހުންނަށް އުމްރާއަށް ދިއުމުގައި ހުރަހެއް ނެތް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ ލިސްޓުގައި ކޮވިޝީލްޑް ހިމަނާފައި ނެތުމުން އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައި އެވެ. އެއީ ރާއްޖޭގެ ވެކްސިން ޖަހާ އާބާދީގެ ބޮޑު ބަޔަކަށް ކޯވިޑް-19 އިން ދިފާއުވުމަށް ދީފައިވަނީ ކޮވިޝީލްޑް ވެކްސިނަށް ވާތީ އެވެ.

އިސްލާމިކް މިނިސްޓްރަރު ޑރ. އަހުމަދު ޒާހިރު މީޑިއާގައި ވިދާޅުވީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އުމްރާ ވުމާއި ގުޅޭގޮތުން ސައުދީން އާންމު ކުރި އެންގުމުގައި ވާގޮތުން އެ ގައުމެއްގެ ސަރުކާރުން ބަލައިގެންނަ ވެކްސިނެއް ނަމަ އެންމެ ރަނގަޅު ކަމަށް ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު އެކަމުގެ ފުރިހަމަ މައުލޫމާތު ސައުދީ ސަރުކާރު މެދުވެރިކޮށް އޮޅުން ފިލުވައި ރައްޔިތުންނާއި ހަމައަށް އެ މައުލޫމާތު ސަރުކާރު އޮފީސްތައް ހުޅުވުމުން ދޭނެ ކަމަށް ވިދާޅުވި އެވެ.

ހައްޖާއި އުމްރާއާ ގުޅޭ މައުލޫމާތުތައް ގެނެސްދޭ ސައުދީގެ ހަރަމައިން ޝަރަފައިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހަތަރު ވައްތަރެއްގެ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް އުމުރާއަށް ދެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފައިޒާ، މޮޑާނާ، އެސްޓްރަޒެނެކާ އަދި ޖޯންސަން އެންޑް ޖޯންސަންއެވެ. ޗައިނާގެ ވެކްސިނެއް ޖަހައި ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހެއް ނަމަ އެތަނުން ވެކްސިނަކުން ބޫސްޓާ ޝޮޓެއް ޖަހަން ޖެހޭނެ ކަމަށް ބުނެ އެވެ.

ސައުދީން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ވެކްސިން ފުރިހަމަ ކޮށްފައިވުމާއި 18 އަހަރުން މަތީ މީހަކަށްވުމެވެ. މީގެ އިތުރުން ނުވަ ގައުމެއްގެ ރައްޔިތުންނަށް އުމްރާވުމަށް ސައުދީއަށް އެތެރެވުމަށް ޝަރުތުތަކެއް ކަނޑައަޅާފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ކޯވިޑް އެންމެ ހަލުވިކަމާއި ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި ހިމެނޭ، ޕާކިސްތާނު، އިންޑޮނޭޝިއާ، މިސްރު، ތުރުކީ، އާޖެންޓީނާ، ބްރެޒިލް، ސައުތު އެފްރިކާ އަދި ލުބުނާނެވެ. އެ ގައުމުތަކުގެ ރައްޔިތުންނަށް އުމްރާއަށް ސައުދީއަށް އެތެރެވެވޭނީ އެހެން ގައުމެއްގައި 14 ދުވަހުުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކޮށްފައި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close