ކުއްލި ނުރައްކާ އިއުލާން ކޮށް ހަރުކަށިފިކުރުގެ މީހުން ހިފާ ހައްޔަރުކުރަން އެމްޑީޕީގެ ޤައުމީ މަޖްލީހުން ފާސްކޮށްފި
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް ހަރުކަށިފިކުރުގެ މީހުން ހިފާ ހައްޔަރުކުރަން އެމްޑީޕީގެ ޤައުމީ މަޖްލީހުން ފާސްކޮށްފިއެވެ.
މިރޭ އެމްޑީޕީގެ ޤައުމީ މަޖްލީހުން ފާސްކުރި ޤަރާރު ހުށަހެޅުއްވީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން މިޤަރާރަށް ބަހުސް ކުރި ޖަލްސާގައި ރައީސް ސޯލިހް ފެކްޝަންގެ އެއްވެސް މެންބަރަކު ވާހަކައެއް ނުދައްކަވައެވެ. ރައީސް ސޯލިހްގެ ފެކްޝަނުން ވަނީ ޖަލްސާ ބޮއިކޮޓް ކޮށްފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ނަޝީދު ހުށަހެޅުއްވި ޤަރާރު ފާސްވީ 39 މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ. ގަރާރާއި ދެކޮޅަށް ވޯޓް ދެއްވީ ކިތައް މެންބަރުން ކަމެއް ހަސަން ލަތީފް އިއުލާނެއް ނުކުރައްވައެވެ. ވޯޓް ނެގުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށް ޗެޓް ގައި ލިޔެގެން ކަމުން ބްރޮޑްކާސްޓް ކުރަމުން ދިޔަ ލައިވް ފީޑުން ގައުމީ މަޖިލިސް މެންބަރުން ވޯޓް ދެއްވި ގޮތެއް ނުފެނެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި 142 މެންބަރުން ތިއްބަވައެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުއްލި ނުރައްކާ އިއުލާނުކޮށް ޓެރަރިސްޓުން ހައްޔަރު ކުރުމުގައި ފުލުހުންނަށް ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށެވެ. އެހެން ނުކޮށްފިނަމަ ގައުމު ސަލާމަތް ނުކުރެވޭ ހިސާބަށް ހިނގައިދާނެ ކަމަށްވެސް ވިދާޅުވިއެވެ. “ފުލުހުންނަށް މި މަސައްކަތް ކުރުމަށް ޖާގަ ހޯދައި ދިނުމަށް އަޅުގަނޑު މި ގަރާރު ހުށައަޅަނީ،” ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކުރުމާއި ގުޅޭ ގޮތުން އަދި މިހާތަނަށް ރައީސް ސޯލިހް ފެކްޝަނުން އެއްވެސް އެއްޗެއް ނުބުނެއެވެ.


