މިއަހަރު ކްރިމިނަލް ކޯޓުގެ ގިނަ ޝަރީޢަތްތައް ވަނީ ކެންސަލް
2021 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ޖޫންމަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ތާވަލްކުރި ޝަރީއަތްތަކުގެ ތެރެއިން ގިނަ ޝަރީއަތްތައް ވަނީ ކެންސަލް ކޮށްފައިކަން ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.
ކްރިމިނަލް ކޯޓުގައި، މި އަހަރުގެ ފުރަތަމަ ހަމަހު 5377 މައްސަލައެއް ޝެޑިއުލް ކޮށްފާވާއިރު، އޭގެ ތެރެއިން 2870 އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ. ތާވަލާއި އެއްގޮތަށް ކުރިޔަށް ގެންދެވިފައިވަނީ 2507 އަޑުއެހުމުގެ ޝަރީއަތެވެ.
ކެންސަލްކުރި އަޑުއެހުންތަކުގެ ތެރެއިން 706 އަޑުއެހުން ކެންސަލް ކޮށްފައި ވަނީ ދައުވާ ލިބޭ ފަރާތުގެ އެކި ސަބަބުތަކާއި ހުރެކަމަށް ހާމަވެފައިވާއިރު 625 އަޑުއެހުން ކެންސަލް ކުރަން ޖެހިފައިވަނީ އިދާރީ ސަބަބުތަކާއި ހުރެއެވެ. މީގެ އިތުރުން ކޮވިޑާއި ގުޅިގެން ވެސް 441 މައްސަލައެއް ވަނީ ކެންސަލް ކޮށްފައެވެ.
މި އަހަރުގެ ފުރަތަމަ ހަމަހު ކްރިމިނަލް ކޯޓަށް 398 މައްސަލަ ހުށަހަޅާފައިވާއިރު، އެ މުއްދަތުގައި 283 މައްސަލައެއް ވަނީ ނިންމާފައެވެ. ކޯޓުތަކުގައި މައްސަލަތައް ފުނިޖެހި އަޑުއެހުންތައް ކެންސަލުވެ މިހާރުވެސް ކުށުގެ ތުހުމަތުގައި ޖަލުތަކުގައި ގިނަބަޔަކު އެތައް އަހަރެއް ވަންދެން ތިބެން ޖެހިފައި އެބަ ތިއްބެވެ.


