ޚަބަރު

ވެކްސިން ނުޖެހޭ އުމުރުގެ ކުދިން، ކަރަންޓީނު ނުވާގޮތަށް ދަތުރު ކުރެވޭނީ 72 ގަޑިއިރުނުވާ ޕީސީއާރް ނަތީޖާއެއް އޮތްނަމަ – އެޗްޕީއޭ

ކަރަންޓީނަށް މިއަދުން ފެށިގެން ދޭ ލުއިތައް ކުޑަކުދިންނަށް ނުލިބޭ މައްސަލައިގަ ޝަކުވާ ބޮޑުވުމުން އެންމެ ފަހުން ކުޑަކުދިންވެސް ކަރަންޓީން ވާން ނުޖެހޭ ގޮތަށް ދަތުރު ކުރުމުގެ ހުއްދަ ދިނަސް އެކުދިންނަށް ދަތުރު ކުރެވޭނީ 72 ގަޑިއިރުނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއެއް އޮތުމުން ކަމުގައި އެޗްޕިއޭއިން ވަނީ ހާމަކޮށްފައެވެ.

ކޯވިޑް-19 ގެ ފިޔަވަޅުތަކަށް މިއަދުން ފެށިގެން ދިން ލުއިތަކާއި އެކު ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާ އަކާއި އެކު ކަރަންޓީން ވާން ނުޖެހޭ ގޮތަށް އަތޮޅު ތެރެއަށް ދަތުރު ކުރެވޭނެ އެވެ. އެކަމަކު ކުޑަކުދިން މި ދިން ލުއިގެ ތެރޭގައި ކުރިން ހިމަނާފައެއް ނުވެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ ކުޑަކުދިންނަށް ވެކްސިން ނުދޭތީ އެކުދިންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންވެ އެކުދިންނަށް ކުއި ދެވެން ނެތް ކަމަށެވެ.

އެކަމަކު އެކުގައި ދަތުރުކޮށް ކުޑަކުދިން ކަރަންޓީންގައި ތިބެން ޖެހުނަސް ބޮޑެތި މީހުން ވެކްސިން ފުރިހަމަ ކޮށްފައި ވާނަމަ ކަރަންޓީން ވާން ނުޖެހޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.

މިކަމާއި ގުޅިގެން ގިނަ އާންމުން ވަނީ ދިން ލުއިގެ ބޭނުމެއް ނެތް ކަމަށް ބުނެފަ އެވެ. އެއީ ހާއްސަކޮށް މިދުވަސްވަރަކީ ޗުއްޓީ ދުވަސް ވަރުކަމުން ހުރިހާ އާއިލާތަށްވެސް ރަށްރަށަށް ދާން ބޭނުންވާނީ ކުދިން ގޮވައިގެން ކަމަށް ވާތީ އެވެ.

މި ޝަކުވާތައް އިތުރުވެފައި ވަނިކޮށް ރޭ އެޗްޕީއޭއިން ގެޒެޓު ކުރި ދަތުރުކުރުމުގައި ދިން ލުއިތަކުގައި ބުނެފައި ވަނީ ވެކްސިންގެ ދެ ޑޯޒް ޖެހުމަށް ފަހު 14 ދުވަސް ވެފައިވާ މީހުންނާ އެކުގައި ދަތުރުކުރާ، ވެކްސިން ނުޖެހޭ އުމުރުގެ ކުދިން، 72 ގަޑިއިރުނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއެއް އޮތް ނަމަ ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ. މާލެއިންނާއި ރިސޯޓްތަކުންނާއި ޓޫރިސްޓް ގެސްޓް ހައުސް ހުންނަ ރަށްތަކުންނާއި އެހެން ރަށްރަށުން ވެސް މިގޮތަށް ދަތުރުކުރެވޭނެ އެވެ.

އެކަމަކު ދަތުރުކުރުމުގެ ކުރިން އެޗްޕީއޭގެ “ހާލުބެލުން” ޕޯޓަލްގައި ރަޖިސްޓްރީކޮށް އެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close