“ވާނުވާ ” ޖަހާ، ތިންސަތޭކައަށްވުރެ ގިނަ މީހުން ބަންދުގައި
ޖިނާއި އަދުލުގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކި އެކި ކުށްތަކުގެ ތުހުމަތު ކުރެވޭ ގިނަ ބަޔަކު ޝަރީއަތް ނިމެންދެން ބަންދުގައި “ވާނުވާ ޖަހާފައި” ތިބޭ މައްސަލައެވެ. ޝަރީޢަތް ނުނިމި މިހާރުވެސް 5 އަހަރާއި 6 އަހަރާއި ދެމެދުގެ މުއްދަތެއްގައި ޖަލުގައި ހޭދަވެފައިވާ މީހުން އެބައްތިއްބެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު މި އަހަރުގެ ޖޫން މަހުގެ 15 ނިޔަލަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އެކުލަވާލަފައިވާ ރިޕޯޓުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ހާލަތު ސާފެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން، އެމީހެއްގެ ބަންދުގެ މުއްދަތު 30 ދުވަސްވާ ހަމަ ކޮންމެ މީހެއްގެ މައްސަލަ ވަކިން ނަގައި، އެމީހަކީ ބަންދުގައި ހުންނަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން ދެނެގަނެ، އެމީހެއްގެ ބަންދާ މެދު އިތުރު ގޮތެއް ނިންމަން ޖެހެއެވެ.
މި މަސައްކަތުގެ ތެރޭގައި އެ މައްސަލައެއްގައި އެ ވަގުތުގެ ހާލަތަށް ބަލައި ލުއި ދެވެން ހުރި މީހުންނަށް ޕީޖީން ދަނީ ލުއިދެމުންކަމަށް ވިދާޅުވިއެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ތިބީ، ހަމަ ކޮންމެހެން ބަންދުގައި ތިބެންޖެހޭ މީހުންކަން ނުވަތަ ނޫންކަން ކަށަވަރުކޮށް، ކުދިކުދި ކުށްތަކަށް ތުހުމަތު ކުރެވޭ މީހުންނާއި އެމީހުންގެ ސަބަބުން މުޖްތަމައަށް ނުރައްކާވާނެ ކަމުގެ އިހްތިމާލެއް ނެތް މީހުންނާއި، އެމީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، އަންނާނެ އަދަބާއިބަންދުގައި އެހާތަނަށް ހުރި މުއްދަތާ ދާދި ހަމަހަމަވާ ހާލަތުގައި ތިބި މީހުން، ޝަރުތުތަކާއެކު ބަންދުން ވީއްލުމަށް އިސްކަންދީފައިވާނެ ކަމަށް ޕީޖިން މަޖިލީހާ ހިއްސާކުރި ރިޕޯޓުގައިވެއެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ޕީޖީގެ ރިޕޯޓު މަޖިލީހާ ހިއްސާކުރީ މުއްދަތުގައި 343 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އެބަތިއްބެވެ.
މީގެ ތެރެއިން 38 މީހުންނަކީ ޖާގައިގެ ދަތިކަމާ ހެދި ރިމާންޑް ޖަލަކަށް ބަދަލު ނުކުރެވި ތިބި މީހުންނެވެ. ރިމާންޑު ޖަލަށް ބަދަލުނުކުރެވި ތިބި މީހުންގެ ތެރޭގައި 219 ދުވަސް ވެފައި ތިބި މީހުން ވެސް އެބަތިއްބެވެ.
ރިމާންޑު މަރުކަޒުތަކަށް ބަލާއިރު މާލޭ ޖަލުގައި 135 މީހުން، މާފުށި ޖަލުގައި 150 މީހުން، ހުޅުމާލެ ޖަލުގައި 12 މީހުން، ގޭ ބަންދުގައި 7 މީހަކު އަދި އައްސޭރި ޖަލުގައި ކުޑަކުއްޖަކު ހިމެނެއެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް ހައްލުކުރަން މަގާމާއި ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ޕީޖީ ގެންދަވަނީ މަސައްކަތް ކުރައްވަމުން ކަމަށް ވިދާޅުވެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި ތިން ވަނަ އިސްލާހުގެ ދަށުން، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދު މުރާޖައާގެ އަޑުއެހުމެއް، ކޮންމެ މަހަކު އެއްފަހަރު ބާއްވާން ޖެހޭނެއެވެ. އެހެންނަމަވެސް އެފަދަ އަޑުއެހުންތައް ނުބާއްވާކަންވެސް ދަނީ ފާޅުކަން ބޮޑުގޮތެއްފައި ފާހަގަ ކުރެވެމުންނެވެ.
މިމަސައްކަތް ކޯޓުތަކުން ކުރިއަށް ގެންދެއެވެ. އެގާނޫނު ލިޔުނުއިރުގެ ތަސައްވުރަކީ، ބަންދު ރިވިއު އަޑުއެހުމާއެކު، މައްސަލައިގެ ޝަރީޢަތުގެ ބާއްވާނެތީ، މައްސަލަ އަވަހަށް ނިންމުމަށް ބާރަކަށްވުން ކަމަށް ޕީޖީ ޝަމީމް ވިދާޅުވެއެވެ.
“ނަމަވެސް، އަމަލީ ގޮތުން އެކަން އެގޮތަކަށް ނުހިނގި ދުވަސްކޮޅަކު، ބައެއް މައްސަލަތަކުގައި ބަންދު ރިވިއު، ޝަރީއަތުގެ އަޑުއެހުމަކާއެކު ހިނގި” ބަންދު މުއްދަތާއި ގުޅޭ ގޮތުން ރިޕޯޓުގައި ޝަމީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ހިމެނޭ މައްސަލަތަކީ ޖިނާއީ ބޮޑެތި މައްސަލަތަކަށްވާއިރު އެ މައްސަލަތަކުގެ ޝަރީއަތްތައް އޮންލައިންކޮށް ހިންގުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށެވެ.
ޝަމީމް އުއްމީދުކުރައްވަނީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލިބޭ ލުޔާއެކު މައްސަލަތައް އަވަހަށް ނިންމޭނެ ގޮތެއް ހޯދުމެވެ. އެކަމަށް ހައްލެއް ހޮދަން ޖޭއެސްސީއާއެކު މަޝްވަރާތަކެއް ކުރެވޭކަން ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ.


